ހަބަރު

13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފި

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި ހައްޔަރު ކުރި މީހުން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރީ ބޮޑު ދެ ވިޔަފާރިވެެރިން ކަމަށްވާ އަހުމަދު އާރިފާއި މުހައްމަދު ވަހީދު އާއި ކަސްޓަމްސްގެ ކުރީގެ އޮފިސަރެއް ކަމަށްވާ މުއާޒް އަލީ އަދި ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.

އާރިފް އާއި ޒިވާރުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދިނެވެ. މުހައްމަދު ވަހީދުގެ ބަންދަށް ދިނީ 10 ދުވަހެވެ. މުއާޒް ބަންދުގައި ބަހައްޓަން އަމުރު ކުރީ ފަސް ދުވަހުގެ މުއްދަތަކަށެވެ.

އެ މައްސަލައިގައި އެމްޕީއެލްގެ ހަ މުވައްޒަފަކު މިއަދު އެ ކުންފުނިން ވަނީ ސަސްޕެންޑުކޮށްފަ އެވެ. ނަމަވެސް އިތުރު މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގީ މީގެ ދެ މަސްދުވަސް ކުރިންނެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.

އެ ސިނގިރޭޓުތައް އެތެރެ ކުރީ ސައުދީ ބިންލާދިން ގްރޫޕުން އެތެރެ ކުރި ދެ ކޮންޓެއިނަރުގެ ތެރޭގަ އެވެ. ކޮންޓެއިނަރު އެތެރެ ކުރީ ލިއޯ ޓްރޭޑިން ކުންފުނިންނެވެ. ކަސްޓަމްސް އިން ބުނީ ވަގަށް ސިނގިރޭޓު އެތެރެ ކުރާކަން އެނގިގެން އެ ދެ ކޮންޓެއިނަރު ފްލެގު ކުރީ ކަސްޓަމްސްއިން ކަމަށެވެ.

ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގުމަށްފަހު ވަގުން ހުރީ ކޮންޓެއިނަރުގެ ތެރޭގައި ފޮޓޯގަނޑެއް ހަރުކޮށްފަ އެވެ. އެ ފޮޓޯގަނޑަކީ، ޕީޕީއެމްގެ އޮފީހަށް މައުމޫން ވަދެވަޑައިގެން "ގރހަނޑާ ދެން" ލިޔެފައި އިން ފާރެއްގެ ކައިރީގައި ހުއްޓިވަޑައިގެން ނަންގަވާފައިން ފޮޓޯގަނޑެކެވެ.

ސިނގިރޭޓުތައް ވަގަށް ނެގީ ބަނދަރުގެ ކެމެރާތައް ނިއްވާލުމަށްފަހު ކަމަށް އެނގިފައިވެ އެވެ. އަދި ނިއްވައިނުލެވި ހުރި ބައެއް ކެމެރާތަކުގެ ފުޓޭޖު ޑިލީޓުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.


ކޮމެންޓް