ފިނިއަށި

ސާޅީސް އަހަރު ވެއްޖެ ތަ!

ސާޅީސް އަހަރު ވުމާ އެކީ މީހާ ފުރާ ފުރިހަމަ ވީއެވެ. ވިސްނުމާއި ބުއްދި ދުނިޔެވީ ގޮތުން ފުރިހަމަ އިންސާނަކަށް ވީއެވެ. އުމުރުން ސާޅީސް އަހަރަށް ދާއިރު އެއީ ޒުވާންކަމުގެ ދުވަސްވަރު ފަހަނައަޅައި ހަރުދަނާކަން މީހާއަށް އަންނަން ޖެހޭ އުމުރެވެ. މަސައްކަތާއި އާއިލީ ގުޅުމާއި އަމިއްލަ ކަންކަމަށް ވަގުތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅުމަށް މި އުމުރުގައި ސަމާލުކަން ދޭން ޖެހެއެވެ.

މި ޒަމާނުގައި ދުޅަހެޔޮކަމަށް ސަމާލުކަން ދޭ ޒަމާނެކެވެ. ކަސްރަތުކުރުމާއި މީހާ ފިޓްކޮށް ހުރުމަށް ކޮންމެ މީހަކު ވެސް ސަމާލުކަން ދެއެވެ. މި ކަން މިހެން ދާއިރު ވެސް އަހަރެމެންނަށް އިހުމާލުވެވޭ އެއް ކަމެއް އޮވެއެވެ. ކިޑްނީގެ ދުޅަހެޔޮކަމެވެ.

ކިޑްނީގެ މައްސަލަތަކަކީވެސް އިތުރުވަމުން އަންނަ ކަންކަމެވެ. ކިޑްނީއަށް ދިމާވާ މައްސަލަތައް ހައްލު ހޯދުމަށް މި ދަންނަވާ ކަންކަމަށް ސަމާލުކަން ދެއްވުން ރަނގަޅެވެ.




އާދަޔާ ޚިލާފަށް ބަރުދަން ލުއިވުން:

ކެއުމުގެ އާދަތަކަށް ބަދަލެއް ނުގެނަސް ހުއްޓާ ނުވަތަ ބޮޑުތަނުން ބަރުދަން ލުއިވާން ފަށައިފިނަމަ، ނުވަތަ ބަރުދަން ލުއިވެއްޖެނަމަ އެއީ ވިސްނާލަންޖެހޭ ފަދަ ކަމެކެވެ. ކިޑްނީއަށް ދިމާވާ އެކި އެކި ކަންކަމުގައި އެފަދައިން ކަންތައްތައް ދިމާވެއެވެ.




ބްލަޑް ޔޫރިއާ:

ކުޑަކަމުދާތަކެތި ރަތްކޮށް ނުވަތަ މުށިކުލައަކަށް ދާ ގޮތަށް ހުރެއްޖެނަމަ، ސިއްހީ އެހީތެރިއަކަށް ދެއްކުން ލަސްކުރުން ބުއްދިވެރިއެއް ނޫނެވެ.




އުނަގަނޑުގައި ރިހުން:

އުނަގަނޑުގެ އެއްފަރާތެއްގައި ރިއްސާފައި ހުންނަ ހުރުމަކީވެސް ކިޑްނީގެ މައްސަލެއް އުޅުމުގެ އަލާމާތަކަށް ވުމުގެ ޗާންސް ބޮޑެވެ.




ދުޅަވުން:

ފާހަގަވާ ވަރަށް ފަޔާއި ފައިތިލަ އަދި ދައްބަޑު ދުޅަވެފައި ހުންނަމަ އެއީވެސް ކިޑްނީއާއި ގުޅުން ހުންނަ ކޮންމެ ވެސް ކަމެއް ގޯސް ވެފައިވާ ކަމުގެ އަލާމާތެކެވެ.




މާ އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން:

މާ އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން ނުވަތަ ކުއްލިއަކަށް ކުޑަކަމުދާން ޖެހުން މީ ބައެއް މީހުންނަށް ކުރިމަތިވާ ކަމެކެވެ. ޚާއްސަކޮށް ރޭގަނޑު މިހެން މިކަން ދިމާވާނަމަ ހެލްތު ޗެކަޕެއް ކުރުން ބުއްދިވެރިއެވެ.

އެހެން ކަމުން ސާޅީސް އަހަރު ވުމުން ނުވަތަ އޭނގެ ކުރިން ވެސް ޞިއްހަތަށް ސަމާލުކަންދޭން ޖެހޭނެއެވެ. ކިޑްނީގެ ބަލިތަކަކީ ކުރިއާލައި ދެނެގަނެވިއްޖެނަމަ ރަނގަޅު ފަރުވާއެއް ދެވޭނެ ބަލިތަކެކެވެ. މަތީގައި ދެންނެވިފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ސިއްހީއެހީތެރިއެއްގެ ލަފާ ހޯދަން ވާނެއެވެ. އަދި ސާޅީސް އަހަރުވުމުން ގަވާއިދުން ޑޮކްޓަރަށް ދައްކާ މެޑިކަލް ޗެކަޕް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކިޑްނީ ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ބަރުދަން އެކަށީގެންވާ ވަރެއްގައި ހިފެހެއްޓުން މުހިއްމެވެ. އަދި މިންހެޔޮ ކެއުމަކާއި ގަވައިދުން ކަސްރަތު ކުރުމަށް ސަމާލުކަން ދިނުން އެދެވިގެން ވެއެވެ. އަދި ގަވައިދުން ބްލަޑް ޕްރެޝަރ މޮނިޓަރ ކުރުމަށް ސަމާލުކަން ދޭންވާނެއެވެ. އެއީ ލޭމައްޗަށް ދިއުން ކޮންޓްރޯލް ނުވާ ކަމުގައިވާނަމަ ކިޑްނީގެ މައްސަލަ ދިމާވުން އެކަށީގެން ވާތީއެވެ.


ކޮމެންޓް