ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ ވިޔަފާރިވެރިންނަކީ އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ކަން އެނގިއްޖެ އެވެ.
ފުލުހުން މިރޭ ބުނިގޮތުގައި، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގައި ބަހައްޓާފައި ހުއްޓާ ސިނގިރޭޓް ކޮންޓެއިނާތައް ނެގުމުގެ އޮޕަރޭޝަން ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލުހުން ބުނިގޮތުގައި ދެ ވިޔަފާރިވެރިއަކާއި ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު އެހެން މީހެކެވެ.
ކަށަވަރު ވެފައިވާ ގޮތުގައި އެ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ދިގައްޔާއި އާއްޓޭގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް ހ. ނިއުހެޕިނަސް، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.
ކަސްޓަމްސްގެ މުވައްޒަފުގެ މައުލޫމާތެއް އަދި ނޭނގެ އެވެ.
އެ ހަތަރު މީހުންގެ ތެރެއިން މުއާޒަކީ ރާއްޖެ އަށް 430 ސިނގިރޭޓް ކޭސް އެތެރެކުރުމުގައި ރިޝްވަތަށް އެދުނު ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މަހު ފޮނުވާފައިވާ މީހެކެވެ.
މުއާޒު މިހާރު ވެސް ހުރީ ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ޖެނެރަލް މެނޭޖަރު، އިންޖިނިއަރިން ޕްރޮޖެކްޓްސްގެ މަގާމުގަ އެވެ.
ފުލުހުން މީޑިއާ އަށް މިރޭ ދޫކޮށްލި މައުލޫމާތުތަކުގައިވާ ގޮތުން ނަމަ ސިނގިރޭޓް މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން ވަނީ މަނާކޮށްފަ އެވެ. އަދި ބައެއް އުޅަނދުތަކާއި ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށް ބުންޏެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އެޕޯލޯގެ ވެރިޔާ ދިގަލި އަދި ލޮޓަސްގެ ވެރިޔާ އާއްޓޭ ވެސް ހިމެނޭ

ގުޅޭ ލިޔުންތައް
ކޮމެންޓް