ހަބަރު

އެޗްޑީސީން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފި

ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެޗްޑީސީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ ހަރަކާތް ބާއްވަން އަމާޒުކޮށްފައި ވަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ދުނިޔެ ސާފްކުރުމުގެ ދުވަހާ ގުޅުވައިގެން ކަމަށެވެ. އެގޮތުން އެ ހަރަކާތަކީ ހުޅުމާލޭގެ ރިތި ގޮނޑުދޮށްތަކުގައި އަޅާފައި ހުރި ކުނިތައް ނަގައި، މޫދު ސާފުކޮށް ބޭއްވުމަށާއި އަދި މޫދުގައިވާ ދިރުންތައް ރައްކާތެރިކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭގެ ފޭސް 1 އާއި ފޭސް 2 ގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންނެވެ. އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ، އެ ޕްރޮގްރާމް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމާއެކު ހުޅުމާލޭގެ މޫދުތައް ސާފުކޮށް ބޭއްވުން ކަމަށެވެ.

މި ހަރަކާތާ ގުޅުވައިގެން، ތިމާވެށި ރައްކާތެރިކުރުމަށް މީހުން ހޭލުންތެރި ކުރުމަށް "މަންސަ" ޕްރޮގްރާމެއް ވެސް 20 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ސަރުކާރުގެ މިނިސްޓްރީތަކާއި، އެންޖީއޯތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހުޅުމާލޭގެ މާހައުލަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މުސްތަގުބަލުގައި ވެސް އާންމުންގެ ލާބައާއި މަންފާއަށް ޓަކައި ވެށި ސާފުކޮށް ބޭއްވުމަށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށް ހުޅުމާލޭގައި އެދަފަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.


ކޮމެންޓް