ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ބީޖީ ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ކޮންމެ ރޯދަމަހެއްގައި ޒުވާނުންނަށް އަމާޒުކޮށް ބީޖީ ސްޕޯޓްސް ކުލަބުން ކުރިއަށްގެންދާ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ފައިނަލްގައި ވާދަކުރީ އާރްޑީއެލް ސްޕޯޓްސް ކުލަބާއި، ޖޭޖޭ ސްޕޯޓްސް ކުލަބެވެ. މި މެޗު 2-0 އިން ކާމިޔާބުކުރީ އާރްޑީއެލްއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށާއި، ޗެމްޕިއަން ޓީމަށް އިނާމް ހަވާލްކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އާރްޑީއެލްގެ ހުސައިން ޝަރީފްއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އާރްޑީއެލްގެ އަހުނަފް ރަޝީދުއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ޕާކް ސްޕޯޓްސް ކުލަބުގެ ޝަނާން ރަޝީދުއެވެ. އެންމެ މޮޅު ކޯޗަކީ އާރްޑީއެލްގެ ޝައްފާން ހަސަންއެވެ.
ބީ.ޖީ ފުޓްސަލް ޗެލެންޖު 2025 ގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އާރްޑީއެލްގެ އަޔާޒް އަހުމަދު، ހުސައިން ޝަރީފް، ޒައިދާން އަހުމަދު އަދި ޖޭޖޭ ސްޕޯޓްސްގެ އިސްމާއިލް އީސަ އަދި އަލީ ހާފިޒްއެވެ.
މި މުބާރާތް މިހާތަނަށް ހަތަރު ފަހަރު ބާއްވާފައިވާއިރު، މި މުބާރާތުގެ ސަބަބުން ފުޓްސަލްގެ ހުނަރު އިތުރުވެ، މި ކުޅިވަރުގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އިތުރު ފުރުސަތުތައް ވަނީ ހުޅުވިފައެވެ.