ގޮވާމުން ޒަކާތް ބަހަން މިއަދު ފަށަނީ

މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ފަށާނެ ކަަމަށް ދިވެހިރާއްޖޭގެ ޒަކާތް ހައުސް އިން ވިދާޅުވެއްޖެއެވެ.

 

ދިވެހިރާއްޖޭގެ ޒަކާތް ހައުސް އިން ވިދާޅުވީ މާލޭގައި ގޮވާމުން ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ އިސްކަންދަރު ސްކޫލްގައިކަމަށެވެ.

 

ގޮވާމުން ޒަކާތް ބަލައިގަތުން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް އިސްކަންދަރު ސްކޫލްގައެވެ.

 

ޒަކާތު ހައުސް އިން ވިދާޅުވީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި މިގޮތުން މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޒަކާތް ބެހުމުގެ މަސައްކަތް ހުކުރު ދުވަހު ކުރިއަށްދާނީ މެންދުރު ފަހު 2 ން ހަވީރު 4:30 އަށް ކަމަށެވެ. އަދި ރޭގަނޑު 9:30 ން އެގާރަ ޖަހަންދެން ކަމަށެވެ.

 

ހޮނިހިރު ދުވަހު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 10 ން މެންދުރު 12 ޖަހަންދެން އަދި މެންދުރުފަހު 1 ން ހަވީރު 3 ޖަހަންދެންނާއި ހަވީރު 4 ން 5 އަށް ކަމަށް ވެސް ވިދާޅުވެއެވެ.

 

މިއަހަރުގެ ފުރަތަމަ 20 ދުވަހު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ޒަކާތު ހައުސްއިން ވަނީ ހާމަކުރައްވާފައެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު، އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު އޮތީ މިމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާއިހަމައަށް އޮތީ ހުޅުވާލާފައެވެ.

 

ފިތުރު ޒަކާތް ދައްކަންޖެހެނީ ފިތުރު އީދަށް ދިޔުމުގެ ކުރިންނެވެ. އަދި މިއީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވާ ކަމެކެވެ.

 

ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެގައުމެއްގައި އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. އެހެންކަމުން އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވާނެއެވެ.

 


  • ޒަކާތް
  • ކޮމެންޓް