މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބާއްވަމުން އަންނަ 3 ޖެނެރޭޝަން ވޯކް މިއަހަރު ވެސް ބާއްވަން ނިންމައިފިއެވެ.
އެ ކުންފުނިން 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ މި ހިނގާލުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި ހަރަކާތުގައި ހުޅުމާލޭ ސެންޓްރަލް ޕާކް ވަށައިގެން ހިނގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތަށް ހިނގާލުން ބޭއްވުމަށް ނިންމާފައިވަނީ ދޮށީ އުމުރުގެ މީހުންނަށް ވެސް ފަސޭހައިން މި ހިނގާލުމުގައި ބައިވެރިވެވޭނެ ގޮތް ހެދުމަށްކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ކުޑަކުދިންނާއި މައިންބައިފައިންނާއި މާމަކާފައިން ހިމެނޭހެން އާއިލާތަކުގެ ތިން ޖީލުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރާ މިހަރަކާތުގައި ހާއްސަ ހިނގާލުމަކާއި ތަފާތު އިތުރު ހަރަކާތްތައް ވެސް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް މައުލޫމާތު ދެއްވައެވެ.
އެގޮތުން ސްޓޯލް ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
މިއީ ދޮށީ އުމުރުގެ ފަރާތްތަކަށް އާއިލާއާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ. އަދި ޕެންޝަން އޮފީހުގެ މަސައްކަތްތަކާ ގުޅޭ އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދީ، އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މަގްސަދެކެވެ.
ކޮންމެ އަހަރަކުވެސް މި ހަރަކާތުގައި ވަކި ހާއްސަ ދާއިރާއެއް ހިޔާރުކޮށް، އެ ދާއިރާއަކުން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރެވެއެވެ. މި އަހަރުގެ ހަރަކާތުގައި ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްފައިވަނީ ފައިނޭންޝިއަލް ލިޓްރަސީ ނުވަރަ މާލީ ހޭލުންތެރިކަމުގެ ދާއިރާއިންނެވެ.
މި ހިނގާލުމުގައި ބައިވެރިވުމަށް ޕެންޝަން އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެއްވޭނެއެވެ. މިއީ އާއިލާތަކުގެ ތިން ޖީލުގެ މީހުންނަށް ހާއްސަކޮށްގެން ޕެންޝަން އޮފީހުން ބާއްވާ މިފަދަ ތިންވަނަ ހަރަކާތެވެ.