ބަހާއި ޢަމަލާ ދިމާވާކަން ރައީސް ދައްކަވަނީ ސިޔާސީގޮތުން 'ޗުއްޕު' ވެސް ވިދާޅު ނުވެ!

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބަހާއި ޢަމަލާ ދިމާނުވާ ވާހަކައަކީ މިފަހަކަށް އައިސް ސިޔާސީ އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ދައްކަމުން އަންނަ އެއްވާހަކައެވެ. ތަފާތު އެކި ޕޯޑިއަމްތަކާއި މަންސަތަކުގައި އެކި ބޭބޭފުޅުން އެކި ރާގުރާގުގައެވެ.

 

އެހެންނަމަވެސް ރައީސް މިފަދަ އެއްވެސް ވާހަކައަކަށް ރައްދެއް ނުދެއްވައެވެ. ބޭނުންކުރެއްވީ ހިކުމަތު ޢަމަލީއެވެ. ވައުދުފުޅަކަށްފަހު ވައުދުފުޅެއް ފުއްދަމުން އައިސް އެންމެފަހުން ފުއްދަވައިދެއްވީ ރައްޔިތުން، ހާއްސަކޮށް އެ އާއިލާތަކުން ނުހަނު ބޭނުންވެފައި ތިބި ވައުދެކެވެ.

 

އާދެ، 1988 ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާގައި ދިވެހި ގައުމާއި ވަޠަނަށް ގުރުބާންވި ޝަހީދުންގެ އާއިލާތައް އުފަލުން ރޮއްވާލަދެއްވައިފިއެވެ. އެދުވަހުގެ އުދުވާނީ ހަމަލާއިން ދިވެހި ގައުމާއި ރައްޔިތުން ސަލާމަތްކުރުމުގައި ޖިހާދުކޮށް ޝަހީދުވެފައިވާ ސިފައިންނާއި މި އުދުވާނީ ހަމަލާގައި ރާއްޖެ ދިފާއު ކުރުމުގައި އާދަޔާހިލާފު ހިތްވަރާއި ސާބިތުކަން ދައްކުވައިދެއްވާފައިވާ ފަރާތްތަކުން އިސްލާމްދީނާއި، މި ލޮބުވެތި ވަޠަނާއި ދިވެހި ރައްޔިތުންގެ ހައްގުގައި ވެވަޑައިގަންނަވާފައިވާ ގުރުބާނީ އާއި ކުރައްވާފައިވާ މަތިވެރި ޖިހާދުގެ އަގު ދިވެހި ރައްޔިތުންގެ ފަރާތުން ސަރުކާރުން ރަމްޒެއްގެގޮތުން ވަޒަންކޮށްދެއްވައިފިއެވެ. މިއީ އެފަދަ ފަރާތްތަކަށް ވަރަށްކުޑަމިންވަރެކެވެ.

 

އެހެންނަމަވެސް އެ ހާދިސާ އަށް 37 އަހަރު ފާއިތުވެދިޔައިރު، ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ކޮށްދިނުމަށް ހިތުއަޅާފައި ވެސް ނުވާ ނުވަތަ ކޮށްނުދެވި އޮތް ކަމެއް ރައީސް ޑރ. މުޢިއްޒު ކޮށްދެއްވީއެވެ. ޝަހީދުންގެ ޢާއިލާތަކަށާއި އާދަޔާހިލާފު ހިތްވަރާއި ސާބިތުކަން އެދުވަހު ދައްކުވައިދީފައިވާ ސިފައިންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ފަރާތްތަކަށް އިނާޔަތް ދިނުމުގެ އުސޫލު ސަރުކާރުން މިހާރުވަނީ އެކުލަވާލުމަށްފަހު ގެޒެޓްކޮށްފައެވެ.

 

މިގޮތުން 1988  ނޮވެމްބަރ 3 ވަނަދުވަހުގެ އުދުވާނުގައި ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ އާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދެއްވާފައިވާ އާދަޔާހިލާފް ހިތްވަރާއި ސާބިތުކަމުގެ ސަބަބުން "މެޑެލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ" އަދި "މެޑެލް ފޮރ ބްރޭވަރީ" ގެ ޝަރަފް އެރުވިފައިވާ ބޭފުޅުންނަށް މި އުސޫލުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ހާއްސަ އެލަވަންސެއް ސަރުކާރުން ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިދެއްވުމަކީ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ސިހުން ގެނުވާނެ ކަމެކެވެ.

 

މި އުސޫލް ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން މި ފަރާތްތަކަށް އެލަވަންސް ލިބިވަޑައިގަންނަވާއިރު، އެ އުދުވާނީ ހަމަލާގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް އާދަޔާ ހިލާފު ހިތްވަރު ދައްކުވައިދިން ގައުމީ ބަތަލުން އެކުރެއްވި ހިދުމަތުގެ އަގު ވަޒަންކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމީ ލޯތްބާއި ދިވެހި ގައުމިއްޔަތު ދިރުވާއާލާކުރުމަށްޓަކައި އެމަނިކުފާނު ހާއްސަ އިސްކަމެއްދެއްވާކަމުގެ އަލިގަދަ ހެއްކެކެވެ.

 

ބަހާއި ޢަމަލާ ދިމާނުވާ ކަމަށް ބުނަމުން އަންނަފަރާތްތަކަށް ގޮއްޖެއްސެވީ، ސިޔާސީގޮތުން "ޗުއްޕު' ވެސް ވިދާޅުނުވެއެވެ.

 


  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް