ފްލެޓު ގަތީ އެމްޑީގެ މަގާމާ ހަވާލުވުމުގެކުރިން: ފަހުމީ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ހަވާލުވުމަށްފަހު 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު، އަސާސެއް ނެތް ވާހަކަތަކެއް ކަމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

 

'އެކްސް' ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިއީ ބައެއް ފަރާތްތަކުން އެމަނިކުފާނުގެ އަބުރަށް އަރައިގަނެ، ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ފަތުރަމުންދާ ވާހަކައަކީ ހަގީގަތާއި ހިލާފު، އަސާސެއްނެތް ދޮގު ވާހަކައެއް ކަމަށެވެ.

 

މީގެއިތުރުން މި ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއްކަމަށް އެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

 

އެމްޑީ ފަހުމީ ވަނީ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރައްވާފައެވެ.

 

އެހެންނަމަވެސް، ސިޔާސީ ގޮތުންނާއި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރެ ކުރަމުންދާ ގައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދު ވެސް އިހްތިރާމްކޮށް، މަރުހަބާ ކިޔާނެ ކަމަށް އެމްޑީ ވިދާޅުވެފައި ވެއެވެ.

 


  • ސްޓެލްކޯ އެމްޑީ
  • ސްޓެލްކޯ
  • ކޮމެންޓް