އިސްރާއީލާއި އީރާނާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރެއަށް އިސްރާއީލުން ވަދެގަތީ އޭގެ ގެއްލުންތައް ބަރުދާސްތު ކުރެވޭނެ ކަމުގެ ޔަގީންކަމާއެކު އެވެ. ނަމަވެސް ހިސާބުތަކުން ދައްކަނީ މުޅިން އެހެން ވާހަކައެކެވެ.
ހަނގުރާމައިގައި އިސްރާއީލަށް ލިބުނު ގެއްލުންތަކަކީ އެޤައުމުގެ އިޤްތިޞާދަށް ވަރަށް ބޮޑު ލޮޅުމެކެވެ. މި ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ބައިނަލްއަޤްވާމީ އިތުބާރު އެގައުމަށް އަންނަނީ ގެއްލެމުންނެވެ.
އިސްރާއީލަށް ލިބުނު މާލީ ގެއްލުންތަކުގެ ތެރޭގައި ފުރަތަމަ ހަފްތާގައި އެކަނި 5 ބިލިއަން ޑޮލަރުގެ ސީދާ ޚަރަދު ހިމެނެއެވެ. ހަނގުރާމައިގެ އެންމެ ހޫނު ދުވަސްވަރު ދުވާލަކު 725 މިލިއަން ޑޮލަރު ޚަރަދުވިއެވެ. މީގެ ތެރެއިން 593 މިލިއަން ޑޮލަރު ދުވާލަކު ހޭދަކުރެވުނީ އީރާނަށް ހަމަލާ ދިނުމަށެވެ. އަދި 132 މިލިއަން ޑޮލަރު ދުވާލަކު މިސައިލް ދިފާޢީ ނިޒާމަށް ހޭދަކުރެވުނެވެ.
އިސްރާއީލުގެ އައިރަން ޑޯމް ދިފާޢީ ނިޒާމަށް ދުވާލަކު 10 މިލިއަނުން 200 މިލިއަން ޑޮލަރާ ހަމައަށް ޚަރަދުވިއެވެ. ނަމަވެސް، އީރާނުން ފޮނުވާލި 400 އަށްވުރެ ގިނަ މިސައިލްތައް މި ނިޒާމު ފޫ އަޅުވާލި އެވެ. މީގެ ސަބަބުން 1.47 ބިލިއަން ޑޮލަރުގެ މަދަނީ ގެއްލުން ލިބުނެވެ.
އެގޮތުން، ވައިޒްމަން އިންސްޓިޓިއުޓް، އިސްރާއީލުގެ އެންމެ މުހިންމު ޢިލްމީ މަރުކަޒު، ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައެވެ. 500 މިލިއަން ޑޮލަރުގެ ބަޔޯމެޑިކަލް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ގެއްލި، 45 ލެބޯޓަރީ ހަލާކުވެގެން ދިޔައެވެ. އިންޓެލްގެ ކިރިޔަތް ގަތް ފެކްޓަރީތައް ހުއްޓުމަކަށް އައުމުން އިސްރާއީލުގެ އެކްސްޕޯޓުގެ 64% އަދި ޖީޑީޕީގެ 1/5 އަށް ނޭދެވޭ އަސަރުކުރިއެވެ.
2024 ގައި 80,000 އަށްވުރެ ގިނަ ޔަހޫދީން ޤައުމު ދޫކޮށް ދިޔައެވެ. މިއީ 1948 އިން ފެށިގެން އެންމެ ގިނަ މީހުން ހިޖުރަކުރި އަހަރެވެ. މިއަދަދުތައް މި ހަނގުރާމައިގެ ބަސަބުން އެތައް ގުނައެއް އިތުރުވެގެން ދާނެކަމަށް ބެލެވެއެވެ. މިކަން ހުއްޓުވުމަށް މީގެކުރިންވެސް، ނަތަންޔާހޫގެ ސަރުކާރުން ދެ ޤައުމުގެ ރައްޔިތުކަން ލިބިފައިވާ ފަރާތްތައް ޤައުމުން ބޭރަށް ދިއުން މަނާކުރިއެވެ. ހަނގުރާމައިގެން ސަބަބުން ގިނަ އިމާރާތްތަކެއް ހަލާކުވެފައިވާއިރު، ވެންޗަރ ކެޕިޓަލް ފަންޑިންގ ހުއްޓި، އިމާރާތްކުރުމުގެ މަޝްރޫޢުތައް ހުއްޓުނެވެ.
ޖުމްލަ ގޮތެއްގައި އިސްރާއީލަށް ލިބުނު ގެއްލުން 11.5 ބިލިއަނުން 17.8 ބިލިއަން ޑޮލަރާ ހަމައަށް (ޖީޑީޕީގެ 3.3%) އަރައެވެ. އެހެންނަމަވެސް، އީރާނުން މިއަށްވުރެ މާ ކުޑަ އަދަދެއް ޚަރަދުކޮށްގެން އިސްރާއީލަށް މި ބޮޑު ގެއްލުން ދިނުމަކީ ފަހުގެ ތާރީހެއްގައި ހިނގި ހަނގުރާމަތަކަށް ބަލާއިރު ބޮޑު ކާމިޔާބީއެކެވެ.
އިސްރާއީލުން އީރާނަށް ދެއްކި ބިރުދެއްކުމުގެ ސިޔާސަތު ވަނީ ފޭލްވެފައެވެ. އޭގެ ބަދަލުގައި އިސްރާއީލަށް ކުރިމަތިވީ ބޮޑެތި މާލީ ގެއްލުންތަކާއި، އެގައުމަށް ބަޔަކު ކުރަމުން އައި އިތުބާރު ގެއްލި ދުނިޔޭގެ ކުރިމަތީގައި ފަލީހަތް ވެގެން ދިއައެވެ. މިއީ އިސްރާއީލުގެ ތާރީޚުގައި އެންމެ އަގުބޮޑު އަދި ލަދުވެތި ބަލިކަމުގެ ގޮތުގައި ފާހަގަކުރެވޭނެ ހަނގުރާމަ އެކެވެ.

ކޮމެންޓް