މީގެ އަހަރުތަކެއް ކުރިން އަންހެނުން މެރަތަން ދުވުމަކީ އާންމުކަމެއް ނޫނެވެ. އަދި އެއީ ކުރެވޭނެ ކަމެއްގެ ގޮތުގައި ވެސް ގިނަބަޔަކު ގަބޫލެއް ނުކުރެއެވެ.
އެހެންނަމަވެސް މެރަތަން ނުވަތަ 42.195 ކިލޯމީޓަރުގެ ރާސްތާއެއް ދުވުމަކީ އަންހެނުންނަށް ވެސް ކުރެވިދާނެކަމެއްކަން ސާބިތުކޮށްދިނީ ކެންޔާގެ ސަބީނާ ޗެބިޗީއެވެ. އެއީ 1973 ވަނަ އަހަރުއެވެ.
އޭނާ ވަނީ ސްލޮވާކިއާގައި ބޭއްވި ކޮޝިސެ މެރަތަން ފުރިހަމަކޮށްފައެވެ. އެ ދުވަސްވަރަކީ އަންހެނުންނަށް ކުޅިވަރުގެ ދާއިރާއިން ފުރުސަތުތައް މަދު ދުވަސްވަރަކަށްވާތީ މި މެރަތަންގައި އޭނާ ދުވުނީ ވެސް ހުސްފަޔާއެވެ. އަދި ސަބީނާ ވަނީ އިންތައް ގޮންޖަހަން ޖެހޭކަމާއި މިންތީގެ ހަމަހަމަކަން އޭރުވެސް އޮންނަންޖެހޭކަން ދުނިޔެއަށް ދައްކުވައިދީފައެވެ.
މީގެއިތުރުން އޭނާގެ މި ކާމިޔާބީ ވެގެންދިޔައީ މިފަދަ ހަރަކާތްތަކުގައާއި ބައިނަލްއަގްވާމީ އެހެން ހަރަކާތްތަކުގައި ވެސް އަންހެނުންގެ ހުނަރުތައް ދައްކާލުމަށް މަގުފަހިވެގެން ދިއުމެވެ.
ސަބީނާ ޗެބިޗީ އަކީ ސްކޫލު ދުވަސްވަރުގައި ވެސް އެތްލެޓިކްސްގައި ފާހަގަކޮށްލެވުނު ފަރާތެކެވެ. އުމުރުން އެންމެ 14 އަހަރުގައި އެތްލެޓިކްސް މުބާރާތްތަކުގައި ބައިވެރިވިއެވެ. ނަމަވެސް ދުވަނީ ހުސްފައިގައެވެ. އެއީ ބޫޓެއް ގަތުމުގެ ގާބިލުކަން ނެތީމައެވެ.
މިޑްލް ޑިސްޓެންސް ރަނަރއެއްގެ ގޮތުގައި ފާހަގަކުރެވުނު ސަބީނާ ވަނީ 800 މީޓަރު 2:16:80 އިން ނިންމާފައެވެ. އަދި އަންހެނުންގެ 1500 މީޓަރު 4:40 އިން ވެސް ނިންމާފައި ވެއެވެ. މިއީ އޭރުގެ ދުނިޔޭގެ ރެކޯޑުތަކެވެ.
މީގެއިތުރުން އޭނާ ވަނީ 1974 ވަނަ އަހަރުގެ ޖަނަވަރީ 29 ގައި ނިއުޒީލޭންޑުގައި އޮތް ކޮމަންވެލްތު ގޭމްސްގައި ވެސް ވާދަކޮށްފައެވެ. އެފަހަރު 800 މީޓަރު ދުވެގެން ވަނީ ކެންޔާ އަށް ބްރޯންޒް މެޑަލް ހޯދައިދީފައެވެ.