ރިޕޯޓް

ރޯދަމަހަށް ބޭނުންތެރި ބައެއް މޭވާ

ރޯދަމަހު ތިބާގެ ކެއުންތަކުގައި މޭވާގެ ބާވަތްތައް ހިމެނުމަކީ ހަށިގަނޑު ރަނގަޅު ސިއްޙަތެއްގައި ބެހެއްޓުމަށާއި، ހަކަތަ ދެމެހެއްޓުމަށާއި، އަދި މުހިންމު ނިއުޓްރިއަންޓްސް ލިބިގަތުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިގޮތުން ބައެއް ރަނގަޅު ބާވަތްތައް ތިރީގައި މިވަނީއެވެ:

ކަދުރު

ކަދުރަކީ ހަކުރުގެ ބާވަތްތައް (ގްލޫކޯސް، ފްރުކްޓޯސް، ސުކްރޯސް) ވަރަށް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. މީގެ ސަބަބުން ރޯދަވީއްލާއިރު ކަދުރު ކެއުމުން ހަށިގަނޑަށް ރަނގަޅަށް ހަކަތަ ލިއްބައިދެއެވެ. މީގެ އިތުރުން ޕޮޓޭސިއަމް، މެގްނީސިއަމް އަދި އަޔަން ވެސް ރަނގަޅު އަދަދަކަށް ލިއްބައިދެއެވެ. އަދި ފައިބަރގެ ސަބަބުން ކާނާ ހަޖަމުކުރުމަށްވެސް އެހީވެދެއެވެ.

ބޭނުންކުރެވިދާނެ ގޮތް

ރޯދަވީއްލާއިރު 1-3 ކަދުރު ކާލާފައި، ރަނގަޅަށް ފެންބޯލާށެވެ. އަދި ފޮނި އެއްޗެއް ހަދާނަމަ، ރަނގަޅަށް ކޮށާލާފައި، ކަދުރުކޮޅެއް ލެވިދާނެއެވެ.

ކަރާ

ކަރަލަކީ %90 ފެން ހިމެނޭ މޭވާއެކެވެ. މީގެ ސަބަބުން ކަރަލަކީ ރޯދަވީއްލުމަށާއި ހާރުކެއުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. މީގެ އިތުރުން، ވިޓަމިން އޭ، ސީ، އަދި ލައިކޮޕީން ކިޔާ، ހިތުގެ ސިއްޙަތަށް ރަނގަޅު މާއްދާއެއް ހިމެނެއެވެ. އަދި ކަރަލަކީ، ކެލޮރީސް މަދު، ރަނގަޅަށް ބަނޑުފުރުަވައިލާ އެއްޗެކެވެ.

ބޭނުންކުރެވިދާނެ ގޮތް

ރޯދަވީއްލާއިރު ނުވަތަ ހާރުކާ ވަގުތުގައި ކަރާ ކުދިކުދިިކޮށް ކޮށާފައި ކެވިދާނެއެވެ. ނުވަތަ ދިވެހީންގެ މެދުގައި ވަރަށް މަޤުބޫލު އެއްޗަކަށްވާ، ކަަރަލު ފަނި ގިރާފައި ބޮވިދާނެއެވެ.

ދޮންކެޔޮ

ދޮންކޭލަކީ ޕޮޓޭސިއަމް ވަރަށް ގިނަ އަދަދަކަށް ހިމެނޭ މޭވާއެކެވެ. މީގެ ސަބަބުން ރޯދައަށް ހުންނައިރު ހަށިގަނޑުގައި ފެނުގެ މިންވަރު ހަމައަކަށް ބެހެއްޓުމަށް އެހީވެދެއެވެ. އަދި ހަކުރުގެ ބާވަތްތަކުން ހަކަތަ ލިއްބައިިދިނުމުގެ އިތުރުން ފައިބަރ ލިއްބައިދޭތީ، ބަނޑުހައިވުން ލަސްކޮށްދެއެވެ.

ބޭނުންކުރެވިދާނެ ގޮތް

ހާރުކާއިރު ދޮންކެޔޮ ކެވިދާނެއެވެ. ނުވަތަ ޔޯގަޓް ކަހަލަ އެއްޗަކަށް ދޮންކެޔޮ ކޮށާލާފައި، އެއްކޮށްލެވިދާނެއެވެ.

އާފަލު

އާފަލަކީ ފައިބަރގެ ބާވަތަކަށްވާ ޕެކްޓިން، ވަރަށް ގިނަ އަދަދަކަށް ލިއްބައިދޭ އެއްޗެކެވެ. މީގެ ސަބަބުން ކާނާ ހަޖަމުކުރުމަށް ފަސޭހަކޮށްދީ، ގިނަވަގުތަކަށް ބަނޑުހައިކަން ނައްތާލުމަށް އެހީވެދެއެވެ. މީގެ އިތުރުން ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސްވެސް ލިއްބައިދެއެވެ.

ބޭނުންކުރެވިދާނެ ގޮތް

ހާރުކާއިރު އާފަލު ކެވިދާނެއެވެ. ނުވަތަ އޯޓްމީލް ކަހަލަ އެއްޗަކަށް އާފަލު ކޮށާފައި، އެއްކޮށްލެވިދާނެއެވެ.

 

މިފަދަ މޭވާތައް ކެއުމުގައި ހިމެނުމުން، ރޯދަ މަހުތެރޭގައި ހަށިގަނޑަށް ބޭނުންވާ ފެނާއި، ހަކަތައާއި އަދި އެހެނިހެން މާއްދާތައް ލިބިގަނެވޭނެއެވެ.

 


ކޮމެންޓް