ހަބަރު

ބަންދުގައި ހުރި މީހަކު ފިލަށް އެހީވި ދެ މީހުން ހައްޔަރު ކޮށްފި

ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވެދިން ކަމުގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ހ. ލާމިޔާ، އަހުމަދު އުވައިސް (22އ) އާއި ނ. ވެލިދޫ، އިހާޒް، މުޙައްމަދު އަނޫފް (25އ) އެވެ. ކޯޓު އަމުރުގައިވާ ގޮތުން، މި ދެ މީހުން އެހީތެރިވެދީފައިވަނީ ފުލުހުންގެ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓުމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހަކު ފިލުވުމަށެވެ. ނަމަވެސް، ފިލަން އުޅުނު މީހާގެ ތަފްސީލެއް ނުވަތަ އެއީ ކޮން މައްސަލައެއްގައި ހައްޔަރުކުރި މީހެއްކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އެމީހުން ބަންދުގައި ބައިތިއްބަން 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމުގެ އެކަށީގެންވާ ހެކި ފުލުހުން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ހިމެނޭކަން ފާހަގަކޮށްފައިވެއެވެ. ހައްޔަރުކުރި ދެ މީހުންގެ ތެރެއިން، އުމުރުން 22 އަހަރުގެ އަހުމަދު އުވައިސް އަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑް އޮންނަ މީހެއްކަމަށް ކޯޓު ރެކޯޑުތަކުން ދައްކައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.  


ކޮމެންޓް