ހަބަރު

މާލޭ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގައި މިއަދު ފަށައިފި

މާލޭ ޓެކްސީލައިންގެ ހިދުމަތް ވިލިމާލޭގައި ފަށައިފި އެވެ.

 

ވިލިމާލޭ ފެރީ ޓަރމިނަލް ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، އެ ހިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

 

މާލޭ ޓެކްސީ ލައިނަކީ، މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ފަށާފައިވާ ހިދުމަތެކެވެ. މި ހިދުމަތް ދެނީ އެމްޓީސީސީ މެދުވެރިކޮށެވެ.

 

މާލޭ ޓެކްސީލައިންގެ ހިދުމަތް މާލެ އާއި ހުޅުމާލޭގައި، އެޕްރިލް މަހުގެ 2ވަނަ ދުވަހު ވަނީ ފަށާފަ އެވެ. އެމްޓީސީސީގެ އެމްޑީ ސައުދީ ވިދަޅުވީ، މި ހިދުމަތުގެ ސަބަބުން ވިލިމާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި ވަރަށް ބޮޑަށް ލުއި ވެގެންދާނެ ކަމަށެވެ.

 

މާލޭ ޓެކްސީ ލައިނަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަންގެ އިތުރުން، ޓެކްސީ ހޮޓްލައިން "1655" އަށް ގުޅައިގެން ފޯނުގެ ޒަރީއާއިން، ޓެކްސީގެ ހިދުމަތަށް އެދެވޭނެކަމަށް ވެސް ސައުދީ ވިދާޅުވި އެވެ. ހިތްފަސޭހަ ވިލިމާލެއަކީ އާންމުކޮށް އިންޖީނުލީ އުޅަނދު ދުއްވުން މަނާ އަވަށެކެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެ އަވަށުގައި ބެޓެރި ސައިކަލް ފަދަ އުޅަނދުތައް އިތުރުވުމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.  


ކޮމެންޓް