ބޭރުދުނިޔެ

ހޮރްމޫޒް ކަނޑުއޮޅި ހުޅުވައިފި، އިންޖީނު ޖައްސައި ތެޔޮ އުފުލަން ފަށާ: ޓްރަމްޕް

އެމެރިކާއާއި އީރާނާއި ދެމެދު ކުރަމުން އައި ހަނގުރާމަ ނިމުމާއެކު ހޮރްމޫޒް ކަނޑުއޮޅި ހުޅުވާފައިވާ ކަމަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާއާއި އީރާނުން ކުރަމުން އައި ހަނގުރާމަ ހުއްޓާލިކަން ޕާކިސްތާނުގެ ބޮޑުވަޒީރު، ޝެހެބާޒް ޝަރީފް އިއުލާނު ކުރުމާއެކު ޓްރަމްޕް ވަނީ އޭނާގެ "ޓްރޫތްސޯޝަލް"ގައި އެކަން ހިއްސާކޮށްފައެވެ.

ޓްރަމްޕް ކުރި ޕޯސްޓުގައި ވަނީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނާއެކު ހެދި އެއްބަސްވުން މިހާރު ނިމިފައިވާކަން ފާހަގަކޮށް ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔާފައެވެ.

އެ ޕޯސްޓުގައި ޓްރަމްޕް ބުނީ، ޓޯލް ނެގުމެއް ނެތި ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އޭނާ ހުއްދަދޭ ކަމަށާއި އެމެރިކާގެ ކަނޑު ސިފައިން އަޅާފައިވާ ބަންދު ކުރުން ނުވަތަ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން ނައްތާލަން ވެސް އަންގާފައިވާނެ ކަމަށެވެ.

"ދުނިޔޭގެ މަނަވަރުތައް، އިންޖީނު ޖައްސައިގެން ތެޔޮ އުފުލަން ފަށާ" ޓްރަމްޕުގެ ޕޯސްޓުގައި ބުންޏެވެ.

ޝެހެބާޒް ޝަރީފްގެ ޕޯސްޓުގައި ވިދާޅުވީ، ލުބުނާން ހިމެނޭހެން އެމެރިކާ އީރާން ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް 2 ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށާއި މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުން އޮންނާނީ ސުވިޒަލޭންޑުގައި އަންނަ ހުކުރު ދުވަހު ކަމަށެވެ.


ކޮމެންޓް