ހަބަރު

އޮންލައިން ވިޔަފާރިތަކަށް މިއަހަރު 198 މިލިއަން ޑޮލަރު ވިއްކައިފިން: ބީއެމްއެލް

މިދިޔަ މޭމަހުގެ ނިޔަލަށް މި އަހަރުގެ މިހާތަނަށް ޑެބިޓްކާޑާއި ކްރެޑިޓް ކާޑުން ހިންގި ރާއްޖެއިން ބޭރުގެ މުއާމަލާތުތަކަށް 198 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށް ގައުމީ ބޭންކު ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އެ ބޭންކުން ވަނީ މިއަހަރުގެ މިހާތަނަށް އެކި ވިޔަފާރިތަކަށް ޑޮލަރު ވިއްކި އަދަދުތައް މިއަދު އާއްމުކޮށްފައެވެ. 

ބޭންކުން ބުނީ މިދިޔަ މޭމަހުގެ ނިޔަލަށް މިއަހަރުގެ މިހާތަނަށް ޑެބިޓްކާޑާއި ކްރެޑިޓްކާޑުގެ މުއާމަލާތްތަކަށް 198 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށެވެ. އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 40 މިލިއަން ޑޮލަރުކަމަށް ބޭންކުން ބުނެއެވެ. މިދިޔަ އަހަރު ޑެބިޓްކާޑާއި ކްރެޑިޓްކާޑުގެ މުއާމަލާތްތަކަށް ބޭންކުން މުޅި އަހަރަށް ވިއްކި ޑޮލަރުގެ އަދަދަކީ 390 މިލިއަން ޑޮލަރެވެ. އެއީ މަހަކަށް އެވްރެޖްކޮށް ބަލާނަމަ 33 މިލިއަން ޑޮލަރެވެ. 

ބޭންކުން އާއްމުކުރި ހިސާބުތައް ދައްކާގޮތުން ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން މުދާ ގެންނަން މިއަހަރުގެ މޭމަހުގެ ނިޔަލަށް މިހާތަނަށް 147 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. މީ އެވްރެޖްކޮށް މަހެއްހެ މައްޗަށް 29 މިލިއަން ޑޮލަރުކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިދިޔަ އަހަރު ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން މުދާ ގެންނަން ބޭންކުން މުޅި އަހަރަށް ވިއްކާފައިވަނީ 175 މިލިއަން ޑޮލަރެވެ. މީ އެވެރެޖްކޮށް މަހެއްގެ މައްޗަށް 15 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއަހަރަށް މީ ގާތްގަނޑަކަށް ދެގުނަ އިތުރުވުމެކެވެ. 

މިއަހަރުގެ މިހާތަނަށް ބޭރުގެ ފައިސާގެ އެހީ ފޯރުކޮށްދޭން 45،764 ޓީޓީ ހަދާދީފައިވާކަމަށްވެސް ބޭންކުން ބުނެއެވެ. މީގެއިތުރުން އަހަރުގެ މިހާތަނަށް ކާޑުން ހިންގި ޓްރާންސެކްޝަންތަކަށް 3.1 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށްވެސް ގައުމީ ބޭންކު ބީއެމްއެލްއިން ބުނެއެވެ. 

މި ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އިން ޖުމްލަ 345 މިލިއަން ޑޮލަރު (ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ވިއްކާފައިވާކަން ދައްކައެވެ. 

ބޭންކުން ބުނީ އެ ބޭންކަށް ގަނެފައިވާ ޑޮލަރަށް ވުރެ މިއަހަރުގެ މިހާތަނަށް 69 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށެވެ. 


ކޮމެންޓް