ހަބަރު

އަސާސީ މުދަލުގެ ބާވަތްތައް ވިއްކުމަށް އެސްޓީއޯއިން އޭޖެންޓުން ހޯދަނީ

އެސްޓީއޯއިން އަސާސީ 23 ބާވަތެއްގެ މުދާ ވިއްކަން 7 ރަށަކުން އެޖެންޓުން ހޯދަން އިއުލާންކޮށްފި އެވެ.

ސަރުކާރުން ވަނީ ދިވެހިން އާންމުކޮށް ކެއިންބުއިމުގައި ބޭނުންކުރަމުން އަންނަ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރާ 23 ބާވަތެއް ފާހަގަކޮށް، އެއީ "އަސާސީ މުދާ" ކަމުގައި ކަނޑައަޅާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން ފަށާފައިވަނީ ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ.




މި 23 ބާވަތުގެ މުދާ ވިއްކުމަށް އެޖެންޓުން ހޯދުމަށް އެސްޓީއޯއިން މިއަދު ވަނީ ސަރުކާރުގެ ގެޒެޓްގައި އިއުލާނުކޮށްފަ އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ވިޔަފާރިކުރުމުގެ ގާނޫނީ ހުއްދަ އޮންނަ ކުންފުނިތަކަށެވެ. އެސްޓީއޯއިން ބުނި ގޮތުގައި، ކޮންމެ ރަށަކުން ހޯދާނެ އޭޖެންޓުންގެ އަދަދު ކަނޑައަޅާނީ އެ ރަށެއްގެ އާބާދީގެ ބޮޑުމިނަށް ބަލައިގެންނެވެ.




މިކަމަށް ޝައުގުވެރިވާ ވިޔަފާރިވެރިން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަކީ:




ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީ




ޖީއެސްޓީ ރެޖިސްޓްރޭޝަންގެ ކޮޕީ




އައިޑީ ކާޑުގެ ކޮޕީ




އެޖެންޓު ކަމަށް ހޮވާ ފަރާތާ ގުޅޭނެ ނަންބަރާއި އީމެއިލް




ކައުންސިލް ސިޓީ




މުދާ ވިއްކަން ކުރާ ހަރަދާއި ރަށްރަށަށް މުދާ ގެންދިއުމަށް ދާ ނާލު އެޖެންޓު ފީއެއްގެ ގޮތުގައި އެޖެންޓުންނަށް އެސްޓީއޯއިން ދޭނެ އެވެ.




މި މަރުހަލާގައި އެސްޓީއޯއިން އޭޖެންޓުން ހޯދުމަށް އިސްކަންދީފައިވާ ރަށްތަކަކީ:




ހއ. ދިއްދޫ

ހއ. އިހަވަންދޫ

ރ. އަލިފުށި

ރ. ދުވާފަރު

ޅ. ނައިފަރު

ލ. ގަމު

ގދ. ގައްދޫ

އެސްޓީއޯއިން ބުނީ، އޭޖެންޓުންގެ އަދަދު ކަނޑައަޅާނީ އެރަށެއްގެ އާބާދީއަށް ބެލުމަށްފަހު ކަމަށެވެ. އަސާސީ 23 ބާވަތުގެ މުދާ އަތޮޅޫތެރޭގެ ރަށްތަކުގައި ވިއްކުމަށް އެސްޓީއޯއިން އޭޖެންޓުން ހޯދުމަށް އިއުލާނުކޮށްފައިވާއިރު، މީގެ ކުރީ ދެ އަހަރުގެ ރޯދައެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހުވެސް މާލޭ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަނުދީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.


ކޮމެންޓް