ހަބަރު

ޕާޓްޓައިމްކޮށް ޓެކްސީ ދުއްވަން ބޭނުން، އެމްޓީސީސީން ވޯކްއިން އިންޓަވިއުތަކެއް

ސަރުކާރުގެ ޓެކްސީ ލައިންގައި ޕާޓްޓައިމްކޮށް ޑްރައިވަރުކަން ކުރަން ބޭނުން މީހުންނަށް އެފުރުސަތު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕލކ (އެމްޓީސީސީ) ހުޅުވާލައިފިއެވެ.

ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން މިހާތަނަށް ވަނީ ތާފުތު ތާރީހުތައް ދީފައެވެ. ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެންމެ ފަހުން ވިދާޅުވީ އަންނަ ފެބްރުއަރީ މަހު ޓެކްސީ ލައިންގެ ހިދުމަތް ފެށޭނެކަމަށެވެ.  

މި ޓެކްސީތަަކަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ މީގެ ކުރިން އިއުލާންކޮށްފައެވެ. އެގޮތުން މާލޭ ސަރަހައްދަށް 407 ޑްރައިވަރަކު ބޭނުންވާކަމަށް އެ ކުންފުނިން ބުނެއެވެ. މީގެތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށްކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. 

ޓެކްސީ ލައިންގައި ޕާޓް ޓައިމްކޮށް މަސައްކަތް ކުރަން އެދޭ ފަރާތްތަކަށް އެމްޓީސީސީން މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ޕާޓްޓައިމްކޮށް ޓެކްސީ ދުއްވަން އެފޭ ފަރާތްތަކަށް ވޯކްއިން އިންޓަވިއުއެއް ބާއްވަން ވަނީ ނިންމާފައެވެ. 




އިންޓަވިއު އޮންނަ ދުވަހާއި ތަން

17 ޖެނުއަރީ ވާ ހޮނިހިރު ދުވަހު / މާފަންނު ބަސް ޓާމިނަލްގައި 

އެމްޓީސީސީން ބުނީ އެދުވަހުގެ ހެނދުނު 10:00 އިން ފެށިގެން އިރުއޮއްސި 06:00 ޖަހަންދަން އިންޓަވިއުތައް ކުރިޔަށް ދާނެކަމަށެވެ. 

ޕާޓްޓައިމް ޑްރައިވަރުން މަސައްކަތް ކުރަންޖެހޭނީ ހަފްތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރުކަމަށް އެމްޓީސީސީން ވަނީ ބުނެއެވެ. 

ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން 100 ކާރު ގެންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.


ކޮމެންޓް