ހަބަރު

ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެެރިކޮށް ކުއްޖަކު އުފަންވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެ އެވެ.

މި ފާޓިލިޓީ ސެންޓަރަކީ ދަރިމައިވުމުގެ ސިއްހަތާއި ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ޒަމާނީ ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން ގާއިމްކުރެވުނު ތަނެކެވެ. މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ 15 ނޮވެމްބަރު 2025 ގައެވެ.

މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ދަރިމައިނުވުމުގެ މައްސަލައިގައި، ދޭންޖެހޭ ފަރުވާ ރާއްޖެއިން ނުލިބުމަކީ ހިތާމަވެރި މައްސަލައެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. 

އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ފާޓިލިޓީ ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން، "އެންޑޯމެޓްރިއޯސިސް" އަދި "ޕީސީއޯއެސް"ގެ ފަރުވާ، އާސަންދަ ސްކީމުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ. 


ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ‏ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ދަރިއަކު އުފަންވުމުގެ ތާރީހީ ކާމިޔާބީއަކީ ރާއްޖޭގައި ދަރިމައިވުމުގެ ޞިއްޙަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުއްމީދެއްކަމަށެވެ.

"މި ފުރުސަތުގައި، މި މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފާޓިލިޓީ ސެންޓަރުގެ ޓީމަށާއި އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުހަބާ ދަންނަވަން. އެބޭފުޅުންގެ މިންނެތް މަސައްކަތަށް އަޅުގަނޑުމެން ފަހުރުވެރިވަން" ހަލީމް ވިދާޅުވި އެވެ.
މިއީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުވުމާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އާ އުއްމީދެއް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ވެސް ލިބުނު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ކާމިޔާބީ ހާސިލް ކުރުމުގައި އަންހެނުންގެ ހާއްސަ ޑޮޮކްޓަރުންނާއި އެމްބްރޮލޮޖިސްޓުން އަދި ހޭނައްތާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތް އައިޖީއެމްއެޗުން ފާހަގަ ކުރެ އެވެ.


ކޮމެންޓް