ހަބަރު

ސިވިލް ސާވިސްގެ މުވައްޒަފުން ސިއްހީ ބޭނުންތަކަށް ޗުއްޓީ ނެގުން ފަސޭހަކޮށްފި

ސިއްހީ ބޭނުންތަކަށް ސިވިލް ސާވިސް މުވައްޒަފުން ޗުއްޓީ ނެގުން މިހާރަަށް ވުރެ އަވަސްކޮށް، ފަސޭހަ ކުރަން ސިވިލްސާވިސް ކޮމިޝަން އިން އާ އުސޫލެއް ކަނޑައަޅައި ސާކިއުލާއެއް ނެރެފި އެވެ.

މިއަދު ގެޒެޓްކުރި ސާކިއުލާގައި ބުނީ ހާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް މުވައްޒަފުން އެދޭ އިރު އެ މުވައްޒަފަކު މަސައްކަތްކުރާ އޮފީސް މެދުވެރިކޮށް ފޯމް ހުށަހަޅާ ގޮތަށް އޮތުމުން، ޗުއްޓީއާ މެދު ގޮތެއް ނިންމައި މުވައްޒަފުންނަށް އަންގަން ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށެވެ.

އެ މައްސަލަ ހައްލުކުރަން ކަނޑައެޅި އާ އުސޫލަކީ ޗުއްޓީއަަށް އެދޭ މުވައްޒަފުން މަސައްކަތްކުރާ އޮފީހަށް ކޮޕީކޮށް، ސީދާ ސީއެސްސީއަށް ފޯމު ހުށަހަޅާ ގޮތަށް ބަދަލުކުރުމެވެ. މިގޮތަށް ބަދަލުކުރުމުން މިހާރަށް ވުރެ އަވަސްވާނެ ކަމަށް ސީއެސްސީން ބުންޏެވެ.

އެހެން ނަމަވެސް ސީއެސްސީއަށް ފޯމު ހުށަހަޅަންވާނީ ޗުއްޓީ ފަށަން ބޭނުންވާ ތާރީހުގެ 15 ދުވަސް ކުރިން ކަމަށް ވެސް އެ ސާކިއުލާގައި ބުންޏެވެ. ފޯމު ހުށަހަޅަން ޖެހޭނީ ގުޅުންހުރި ލިޔެކިއުންތަކާ ވެސް އެކުގަ އެވެ. 

ސަރުކާރުގެ އެކި އޮފީސްތަކުގައި ގާތްގަނޑަކަށް 26،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ.


ކޮމެންޓް