ހަބަރު

އައްޑޫއަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓް ހުޅުޖަހައި އަނދާ އަޅިއަށް ހަދާލައިފި

އައްޑޫ ސިޓީއަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމުން ނައްތާލައިފިއެވެ.

ކަސްޓަމުން ބުނީ މިއަދު ނައްތާލާފައިވަނީ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ސިނގިރޭޓްކަމަށެވެ. މި ތަކެތި އަތުލައިގަތީ އައްޑޫ ސިޓީ ބަނދަރަށް އެތެރެކުރަން އުޅެނިކޮށްކަމަށް ކަސްޓަމުން ބުނެއެވެ. 

އެގޮތުން މިއަދު 1,830,000 ސިނގިރޭޓް ސްޓިކްސް ނައްތާލާފައިވާކަމަށް ކަސްޓަމުން ބުނެއެވެ. މި ތަކެތި ނައްތާލީ އައްޑޫ ސިޓީގައެވެ. 

އައްޑޫ ކަސްޓަމްސް ސަރަހައްދުގައި މި ތަކެތި ނައްތާލުން ކުރިއަށް ގެންދިޔައީ ކަމާބެހޭ އިދާރާތަކުގެ ހާޒިރުގައެވެ. މިގޮތުން ނައްތާލާފައިވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ނުވަތަ މިންގަނޑަށް ނުފެތޭ މުދާ ނައްތާލުމަށް އޮންނަ އިޖުރާއަތުގެ ތެރެއިންނެވެ.

ގަވާއިދާ ހިލާފަށް އެތެރެކުރާ މުދާ ހުއްޓުވުމަށާއި، ރާއްޖޭގެ ބޯޑަރުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ކަސްޓަމްސް އިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ގަވާއިދާ ހިލާފަށް އެތެރެކުރާ މިފަދަ ތަކެތި ހިފަހައްޓައި، ގަވާއިދުން ނައްތާލުމުގެ މަސައްކަތް ކަސްޓަމްސްގެ އެކި އޮފީސްތަކުން ގެންދަނީ ކުރަމުންނެވެ.


ކޮމެންޓް