ހަބަރު

ލަންކާއަށް، ޔުނިވާސަލް އިން 100،000 ޑޮލަރު ހަދިޔާކޮށްފި

އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ގުދުރަތީ ކާރިސާއާ ގުޅިގެން، އެ ގައުމަށް އެހީވުމުގެ ގޮތުން ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ޔުނިވާސަލް އެންޓަޕްރައިޒަސް އިން 100،000 އެމެރިކާ ޑޮލަރު ހަދިޔާކޮށްފިއެވެ.

މި ފައިސާގެ އެހީ އެ ކުންފުނީގެ ފަރާތުން ހަވާލުކުރީ ރާއްޖޭގައި ހުންނަ ސްރީލަންކާ ހައިކޮމިޝަނާއެވެ.

ޔުނިވާސަލް އިން މި ފައިސާ ހަދިޔާކޮށްފައި ވަނީ ތޫފާނު "ޑިޓުވާ" ގެ ސަބަބުން ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމަށާއި، ގައުމު އަލުން އާރާސްތުކުރުމަށް ހިންގާ މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުންނެވެ. މި ދަނޑިވަޅުގައި ޔުނިވާސަލް އިން ވީ ދީލަތި އެހީއަށް ހައިކޮމިޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ. ބޭ އޮފް ބެންގޯލްގައި އުފެދުނު މި ތޫފާނުގައި ލަންކާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 600 އަށް ވުރެ އިތުރުވެފައެވެ.

ލަންކާއަށް ދިމާވި މި ހިތާމަވެރި ހާލަތާ ގުޅިގެން ގިނަ ގައުމުތަކަކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދިވެހި ސަރުކާރުން ވެސް ވަނީ އެކުވެރި ލަންކާއަށް އެހީވުމަށް 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ނިންމާފައެވެ. ޔުނިވާސަލްގެ އިތުރުން ދިވެހި އަމިއްލަ އެހެން ޖަމިއްޔާތަކާއި ފަރުދުން ވެސް ދަނީ ލަންކާ ރައްޔިތުންނަށް އެހީވުމަށް މަސައްކަތް ކުރަމުންނެވެ.


ކޮމެންޓް