ހަބަރު

ފިލްމު ކުޅޭ މީހުން އިސްލާމްދީނުގެ ހުދޫދުގައި ކަންކަން ކުރަން ރައީސް އިލްތިމާސްކުރައްވައިފި

ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތުން އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިހެން ގޮވާލައްވާފައި މިވަނީ ރޭ ޕްރިމިއާ ކުރި ދިވެހި ފިލްމެއްގެ ކާޕެޓްގައި ފިރިހެން ތަރިއަކު އަޅައިގެން އައި ހެދުމަށް އެތައް ބައެއް ފާޑުކިޔަމުން ދަނިކޮށެވެ. 

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި ދިވެހިންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއްކަމަށެވެ. އެގޮތުން މުސްލިމުންގެ ސަގާފަތާއި ހިލާފުކަންކަމާ ދުރުވާންޖެހޭނެކަމަށާއި ފިލްމު ކުޅޭ މީހުން މޫނިފޫހިފިލުވުގެ ދާއިރާގައި އުޅޭ މީހުން އިސްލާމް ދީނުގެ ހުދޫދުގައި އުޅުމަށް ރައީސް މުއިއްޒު ގޮވާލެއްވިއެވެ. 

" ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް. " ރައީސް މުއިއްޒު ވިދާޅުވިއެވެ.

ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާއެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ މިގައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 


ކޮމެންޓް