ހަބަރު

ރައީސް ޑރ. މުއިއްޒަށް, ފުވައްމުލަކު ރައްޔިތުން ނިކުމެ ހޫނު މަރުހަބާއެއް ބަރުތީލަ ކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމުން އެތައްސަތޭކަ ބަޔަކު ނިކުމެ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ފުވައްމުލައް ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެ ސިޓީގެ މުއައްސަސާތަކުގެ އިސްވެރިންނާއި އެކި އުމުރުފުރާތަކުގެ މީހުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް އެއަރޕޯޓް ސަރަހައްދުން ފެށިގެން ދިގު ކިއޫއެއް ހަދާފައިއޮތެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ފުވައްމުލަކު ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި އެސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.


ކޮމެންޓް