ހަބަރު

ރައްޔިތުން ކައިރިއަށް ނުގޮސް މާލޭގައި ހުރުން އެއީ އަޅުގަނޑުގެ ސިޔާސަތެއް ނޫން: ރައީސް

ރައްޔިތުން ގާތަށް ރަށްރަށަށް ނުގޮސް މާލޭގައި ހުންނެވިދާނެ ކަމަށާއި، ނަމަވެސް އެއީ މާ ކުރީގައި ވެރިން ގެންގުޅުއްވާ އުސޫލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ށ. އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ ނޫމަރާ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް އެމަނިކުފާނު ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ކަންކަން އެންމެ ރަނގަޅަށް އޮޅުންވިލުވުމުގެ ބޭނުމުގައި ކަމަށާއި، ވަގުތުން ހައްލުކުރެވޭނެ ކަންކަން ހައްލުކުރުމަށާއި އެހެނިހެން މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ރާވާލުމަށް ފަސޭހަކުރުމުގެ ބޭނުމުގައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރަށްރަށަށް މަދުވެގެން ދެ ފަހަރު ވަޑައިގަތުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ.

ރަށްރަށުގެ ކައުންސިލްގެ ބޭފުޅުން މާލެ ވަޑައިގެން އެތަކެއް މިނިސްޓްރީއަށް ގޮސް މީޓިންތަކެއް ބޭއްވުމުން އެ ހޭދަވަނީ ވަރަށް ވަގުތު ކަމަށާއި، އޭގެ ބަދަލުގައި މިނިސްޓްރީ ތަކުގެ ބޭފުޅުންނާއެކު އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ބައްދަލުވުންތައް ބޭއްވުމުން ހުރިހާ މައްސަލަތަކަށް އެއްފަހަރާ ހައްލުކުރެވި ނުވަތަ ހައްލުކުރާނެ ގޮތްތަކެއް ރާވާލެވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ހަގީގީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންގެ ކައިރިޔަށް ވަޑައިގެން ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަން ކުރުން ކަމަށެވެ.

ކޮންމެ އަތޮޅަކަށް ވަޑައިގެން ރައީސް ދަނީ މި ވާހަކަތައް ތަކުރާރުކުރައްވަމުންނެވެ. ސަބަބަކީ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމަކީ އެމަނިކުފާނުގެ މައިގަނޑު އަމާޒެވެ.


ކޮމެންޓް