ފިނިއަށި

މިއަދު ހީލިންތަ؟ އަބަދުވެސް ހެވިލާފަ ހުރެލަބަލަ!

ހިނިތުންވުމަކީ ދިރިއުޅުމުގެ ރީތިކަމާއި އުފާވެރިކަން އިތުރުކޮށްދޭ އަގުހުރި ހަދިޔާއެކެވެ. އެއީ ހަމައެކަނި އަޅުގަނޑުމެންގެ މޫނުމައްޗަށް ގެނެސްދޭ ބަދަލެއް ނޫނެވެ. ބަސްބުނުމެއް ނެތިވެސް އެތައް މެސެޖެއް ފޯރުކޮށްދޭ ކަމެކެވެ. ހިނިތުންވުމަކީ އަނެކުންގެ ހިތްތަކުގައި ލޯބި އުފައްދައި، ގުޅުންތައް ބަދަހިކޮށްދޭ ކަމެކެވެ. މި ލިޔުމުގައި އަޅުގަނޑުމެން މިބަލައިލަނީ ހިނިތުންވުމުގެ މުހިންމުކަމާއި، އޭގެ ސަބަބުން ލިބޭ ފައިދާތަކަށެވެ.

ހިނިތުންވުމަކީ އިސްލާމީ ރިވެތި ސުންނަތެކެވެ. އިސްލާމްދީނުގައި ހިނިތުންވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވެއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ އަކީ ގިނައިން ހިނިތުންވެވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފަަނުގެ ސުންނަތުގައިވެސް ހިނިތުންވުމަކީ ޞަދްގާތެއްކަމުގައި ބަޔާންވެގެންވާކަމަށް އިލްމުވެރިން ވިދާޅުވެއެވެ. މިއިން ދޭހަވަނީ ހިނިތުންވުމަކީ ހަމައެކަނި އުފާވެރިކަމުގެ ނިޝާނެއް ނޫންކަމާއި، އެއީ ހެޔޮ ޢަމަލެއް ކަމެވެ. ހިނިތުންވުމަކީ އަޅުގަނޑުމެންގެ ދީނުގައި ބާރުއަޅުއްވާފައިވާ މަތިވެރި ސުންނަތެކެވެ. އެހެންކަމުން، ގިނަގިނައިން ހިނިތުންވުމަކީ ދީނީ ގޮތުން ވެސް ޘަވާބު ލިބިގެންވާ ކަމެކެވެ.

ހަމަ އެއާއި އެކު، އެހެން މީހުންނަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. ހިނިތުންވުމަކީ އެހެން މީހުންގެ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ. މާޔޫސްކަމުގައިވާ މީހަކު، ނުވަތަ ދަތި ހާލަތެއްގައި ހުރި މީހަކާއި ދިމާއަށް އިޚްލާޞްތެރިކަމާއެކު ހިނިތުންވެލުމުން، އެމީހެއްގެ ހިތަށް ބޮޑު ހިތްހަމަޖެހުމެއް ލިބި، އުއްމީދުގެ ހުޅުކޮޅެއް ދިއްލިގެންދެއެވެ. އެކުވެރިކަމާއި އަޚުވަންތަކަން އިތުރުކޮށްދޭ މިފަދަ ކަމެއްގެ ސަބަބުން މުޖުތަމަޢުގައި އުފާވެރި ރޫޙެއް އުފެދެއެވެ. ހިނިތުންވުމަކީ މީހުންނާ ގާތްކޮށް، ގުޅުންތައް ބަދަހިކޮށްދޭ ކަމެއްވެސް މެއެވެ. އެހެން މީހެއްގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިނުމުން، އެ އުފާވެރިކަން އަޅުގަނޑުމެންގެ ހިތްތަކަށް ވެސް ލިބިގެންދެއެވެ.

ހިނިތުންވެލާކަށް އެއްވެސް ޚަރަދެއް ނުދާނެއެވެ. ހިނިތުންވުމަކީ އެއްވެސް މާލީ ޚަރަދެއް ނުކޮށް، އެއްވެސް ބުރަ މަސައްކަތެއް ނުކޮށް ލިބިގެންދާ ހަދިޔާއެކެވެ. މިހަދިޔާ ދިނުމަށްޓަކައި އަޅުގަނޑުމެންގެ އަތުން އެއްވެސް އެއްޗެއް ބީކުރާކަށް ނުޖެހެއެވެ. ނަމަވެސް އޭގެ ސަބަބުން ލިބޭ ފައިދާތައް އިންތިހާއަށް ގިނައެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް މަގުފަހިކޮށްދޭ ކަމެކެވެ. މިވަރުގެ މަތިވެރިކަމާއި ފައިދާތަކެއް ލިބިގެންވާ ހަދިޔާއެއް އަޅުގަނޑުމެންގެ ފަރާތުން ހިފެހެއްޓުން އެއީ ގެއްލުމެކެވެ.

އެހެންކަމުން، އަޅުގަނޑުމެން ގިނަގިނައިން ހިނިތުންވުމަށް އާދަކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކު، އަޅުގަނޑުމެންނާ ބައްދަލުވާ ކޮންމެ މީހަކާ ދިމާއަށް އިޚްލާޞްތެރި ހިނިތުންވުމެއް ބަހައްޓާށެވެ. އެއީ ހަމައެކަނި އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ލިބިގެންދާ ހިތްހަމަޖެހުމެއް ނޫނެވެ. އަދި އެއީ އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމަޢަށް އުފާވެރިކަމާއި އެއްބައިވަންތަކަން ގެނެސްދޭނެ މަތިވެރި ޢަމަލެކެވެ. ހިނިތުންވުމަކީ ދުނިޔެވީ ހަޔާތް ބާއްޖަވެރިވެ އަދި އާޚިރަތަށް ހޯދައިދޭން އެހީތެރިވެދޭނެ އާދައެކެވެ.


ކޮމެންޓް