ދެ ނަމާދު ދޭތެރޭ ގުރުއާން ކިޔެވުންފަދަ ރީތި އާދަތައް ދިވެހި މުޖުތަމައުގައި އިއާދަކުރަންޖެހިފައިވާ ކަމަށާއި އެފަދަ ކަންކަމަށް ވަގުތު ހުސްކުރަން ރަައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ގޮވައިލައްވައިފިއެވެ.
ގުރުއާން ކިޔެވުމުގެ 37ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިން ދިވެހީންގެ ތެރޭ އޮތް ރީތި އާދަތައް ވެެސް އަނބުރާ ގެންނަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެ ފަދަ އެއް ކަމަކީ މަޣްރިބު ނަމާދާއި އިޝާ ނަމާދާ ދޭތެރޭ، ނުވަތަ އާންމުކޮށް ކިޔައި އުޅޭ "ދެ ނަމާދު ދޭތެރޭ" ގުރުއާން ކިޔެވުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން މިސްކިތްތަކުގައި ކިޔަވަން ތިބުމާއި، ގޭތެރޭ ވެސް ކިޔަވަން ތިބުމަކީ ކުރިން ފެންނަ މަންޒަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މިއަދު އެންމެން ވެސް އުޅެނީ އެކި މަސައްކަތްތަކުގައި އަވަދަނިތި އުޅެންޖެހޭ، ވަގުތު ހުސްކުރަން ދަތި ދިރިއުޅުމެއް ކަން ފަހަގަކުރައްވައި ރައީސް ވިދާޅުވީ، އެ އާދަ މިއަދު ނުފެންނަ ކަމަށެވެ.
އެކަމަކު، ވަގުތު ނެތިގެންކަމަށް ބުނެ އިސްލާމްދީނުގައި ކުރަން އަންގަވައިފައިވާ ކަންކަން ނުކޮށް ދޫކުރާނަމަ މުޖުތަމައުގައި ހަމަޖެހުން ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ދީނުގެ މަގުގައި ކުރިއަށް ދިއުމުގައި ނޫނީ އެހެން ވާދަވެރިކަމެއް އޮވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން އިސްކަމެއް ދޭންޖެހޭ މިދެންނެވި ކުރިން ހުރި އާދަތައް އަނބުރާ ގެންނަން. މަޣްރިބް ނަމާދުކޮށްގެން އިޝާ ނަމާދާ ދޭތެރޭގައި ތަރުތީބުކޮށްގެން އަޅުގަނޑުމެން ވަގުތު ހުސްކުރަން އެބަޖެހޭ [ގުރުއާން] ކިޔަވަން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ފަލާހާއި ކާމިޔާބު ދެ ދުނިޔޭގައި ވެސް ލިބެން އޮތީ ގުރުއާނުގައިވާ ކަންކަމަށް ތަބާވެެގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރީތިކޮށް ގުރުއާން ކިޔެވުމަކީ ފަޚުރުވެރިވާ ފަދަ ކަމަކަށް ހަދަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ދެ ނަމާދު ދޭތެރޭ ގުރުއާން ކިޔެވުންފަދަ ރީތި އާދަތައް އަލުން އިއާދަކުރަންޖެހޭ: ރައީސް

ގުޅޭ ލިޔުންތައް
ކޮމެންޓް