ހަބަރު

މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރު ކެޓްރީނާ ރާއްޖެ އަންނަނީ

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހަމަޖެއްސި ގްލޯބަލް ޓޫރިޒަމް އެމްބެސެޑަރު، ކެޓްރީނާ ކައިފް ރާއްޖެ އަންނަން އުޅޭ ކަމަށް ބުނެފި އެވެ.

އިންޑިއާގެ މަޝްހޫރު އެކްޓަރަސް ކެޓްރީނާގެ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ގްލޯބަލް އެމްބަސެޑަރުކަން ލިބުމުން ވަރަށް އުފާކުރާ ކަމަށެވެ.

ރާއްޖޭގެ ބިއްލޫރިކޮޅެއް ފަދަ ސާފު މޫދާއި ތަފާތު ދިރުންތަކުން މުއްސަނދި ކަނޑާއި ހަމަހިމޭން މާހައުލަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ތަޖުރިބާ ނުކުރެވޭނެ ކަންކަން ކަމަށް ކެޓްރީނާ ބުންޏެވެ.

"ސުވަރުގެއް ފަދަ ރާއްޖެ ތަޖުރިބާ ކުރަންޖެހޭ. ވަރަށް އަވަހަށް ރާއްޖެއިން ބައްދަލުވާނަން،" ކެޓްރީނާ ބުންޏެވެ.

ރާއްޖެ އަންނާނެ ކަމަށް ބުނި ވަކި ތާރީހެއް ކެޓްރީނާ ބުނެފައެއް ނުވެ އެވެ.

ކެޓްރީނާ މިވަގުތު އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ އެވެ. މިމަހު ތެރޭގައި ކެޓްރީނާ ވިހާނެ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެކަށް ކެޓްރީނާ ހަމަޖައްސައި އެކަން އިއުލާންކުރީ މިދިޔަ ޖޫން މަހު އެވެ.

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރާ މީގެ ކުރިން ވިދާޅުވީ، މި މަގާމަށް ކެޓްރީނާ ފަދަ ނުފޫޒު ގަދަ މީހަކު ހަމަޖެއްސުމުން އުފާ ކުރައްވާ ކަމަށެވެ. އަދި އޭނާ ވަނީ ކެޓްރީނާއަށް މަރުހަބާ ކިޔައިފަ އެވެ.

"ހާއްސަކޮށް ދުނިޔޭގެ މުހިންމު މާކެޓުތަކުގައި އަޅުގަނޑުމެން ސަމާ ސޭލް ޕްރޮމޯޝަން ފަށައިގަންނައިރު ކެޓްރީނާގެ ހިތްގައިމު ކެރެކްޓާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންނާ ގެންގުޅޭ ގާތް ގުޅުމުގެ ސަބަބުން އޭނާ އަކީ ފާއިތުވި 5 އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން ކަމަށްވާ ސަނީ ސައިޑް އޮފް ލައިފްއަށް ވަރަށް އެކަށީގެންވޭ އަދި ނަމޫނާ އެމްބެސެޑަރެއްކަން ޔަޤީން،" ޝިއުރީ ވިދާޅުވި އެވެ.

ވިޒިޓް މޯލްޑިވްސް ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ނެޓްފްލިކްސްގެ "ވަން ޕީސް" ލައިވް-އެކްޝަން ސީރީޒްގައި ސަންޖީގެ ރޯލު ކުޅޭ އިނގިރޭސި އެކްޓަރު ޓެޒް ސްކައިލާ ވެސް މިދިޔަ އޮގަސްޓު މަހު ވަނީ ރާއްޖެ އައިސްފަ އެވެ. އަދި ރާއްޖެ އިޝްތިހާރުކުރުމަށް އެ ދަތުރުގައި އޭނާ އެކި ތަންތަނަށް ދިޔަ އެވެ.


ކޮމެންޓް