މިއަދުގެ ހުކުރު ހުތުބާގައި، މުދަލުގެ ޙުރުމަތްތެރިކަމާއި އެއަށް އަރައިގަތުމުގެ ނުބައިކަން ފާހަގަކޮށް، ޙަލާލު ގޮތުގައި މުދާ ހޯދުމުގެ މުހިންމުކަން އިސްލާމީ ޝަރީޢަތުގެ އަލީގައި ބަޔާންކޮށްދީފިއެވެ.
"މުދަލުގެ ޙުރުމަތް" މި މައުޟޫޢުގައި ދެވުނު ހުތުބާގައި، މާތްﷲ އިންސާނުންނަށް ކަނޑައަޅުއްވާފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރިން އެއްވެސް މީހަކު މަރުނުވާނެކަން ހާމަކޮށްދެއްވިއެވެ. މިކަން ސާބިތުކޮށްދެއްވުމަށް ރަސޫލާގެ ޙަދީޘް ބަސްފުޅު ނަގުލުކުރައްވައި، ތަޤުވާވެރިވުމާއި ރިވެތި ގޮތުގައި ރިޒުޤު ހޯދުމަށް އިރުޝާދު ދެއްވާފައިވެއެވެ.
''މާތް ﷲ ވަނީ، އެކަލާނގެ ދީނުގައި މުދާ ހޯދައި، އެ މުދާ މިލްކުކުރުމުގެ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވައިފައެވެ. ބާޠިލުގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށް އެކަލާނގެ ވަނީ އަމުރުކުރައްވައިފައެވެ. އަދި ހެޔޮ ގޮތުގައި ވިޔަފާރިކޮށް ދިރިއުޅުން ބާއްޖަވެރިކުރާން މަސައްކަތްކުރުމަށް އެންގެވިއެވެ.'' ހުތުބާ
ހުތުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މުދަލަކީ މާތްﷲ އިންސާނާއަށް ދެއްވި ޙުރުމަތްތެރި އެއްޗެކެވެ. މިކަން ހާމަކޮށްދެއްވުމަށް ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވި ޚުޠުބާއިން ހެކި ގެނެސްދެއްވިއެވެ. އެ ޚުޠުބާގައި އިންސާނުންގެ ލެޔާއި މުދަލާއި އަބުރުގެ ޙުރުމަތްތެރިކަން މައްކާ މުކައްރަމާއާއި ޛުލްޙިއްޖާ މަހާ އެއްފަދަކުރައްވާފައިވެއެވެ.
''ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެކެވެ. އަދި އަހަރެމެންގެ ޢަމަލުތައް މާތް ﷲގެ ޙަޟުރަތުގައި ޤަބޫލުވެވޭނޭ ކަމެކެވެ. ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ކަމެކެވެ.'' ހުތުބާ
މުދާ ހޯދުމާއި މިލްކުކުރުމުގައި އިސްލާމްދީނުގައި ވަނީ ވަރަށް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅުއްވާފައެވެ. ބާޠިލު ގޮތުގައި މީސްތަކުންގެ މުދާ ކެއުން މަނާކުރައްވައި، ހަމައެކަނި ދެފަރާތުގެ ރުހުމުގެ މަތީގައި ކުރެވޭ ވިޔަފާރި ހުއްދަކުރައްވާފައިވާކަން ޤުރުއާނުގެ އާޔަތްތަކުން ސާބިތުވެއެވެ.
''ހަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތްކެނޑޭނޭ ކަމެކެވެ. އަދި ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނޭ ކަމެކެވެ. ދިރިއުޅުމުގައި އުފާވެރިކަމާއި ބާއްޖަވެރިކަންނެތޭނޭ ކަމެކެވެ. ޙަރާމް ގޮތުގައި ހޯދާ ތަނަވަސްކަމަކީ، އެ މީހެއްގެ ރިޒުޤުކަމުގައިވެއްޖެ މީހަކަށް ހުރި އަބާއްޖަވެރިކަމެއްގެ ބޮޑުކަމާއެވެ!'' ހުތުބާ
ހުތުބާގައި ޙަލާލު ގޮތުގައި މުދާ ހޯދުމުގެ މުހިންމުކަމާއި، އޭގެ ސަބަބުން މުދަލުގައި ބަރަކާތް ލެއްވޭނެކަން ފާހަގަކުރައްވައި، ޙަރާމް ގޮތުގައި މުދާ ހޯދުމަކީ މުދަލުގެ ބަރަކާތް ކެނޑި، ޢަމަލުތައް ޤަބޫލުވުމަށް ހުރަސްއެޅޭނެ ކަމެއްކަން ހަނދާންކޮށްދީފަވެއެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް