ހަބަރު

ނޯބެލްގެ ސުލްހައިގެ އިނާމު ޓްރަމްޕަކަށް ނުލިބި އުންމީދުތައް ހަފުސް ވެއްޖެ

މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމުގެ އިންތިޒާރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވި ނަމަވެސް އެ އިނާމު ވެނުޒުއޭލާގެ އިދިކޮޅު ލީޑަރު އަދި ޑިމޮކްރަސީ އެކްޓިވިސްޓް މާރިއާ ކޮރީނާ މެޝާޑޯއަށް ދީފި އެވެެ.

ނޯވޭގެ ނޯބެލް ކޮމިޓީގެ ޗެއާ ޖޯގެން ވެޓްނީ ފްރިޑްނީސް ވިދާޅުވީ މެޗާޑޯއަށް ނޯބެލް އިނާމު ދޭން ނިންމީ ވެނެޒުއޭލާގެ ރައްޔިތުންނަށް ޑިމޮކްޓިކް ހައްގުތައް ހޯދައިދޭން ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ. އެ އިނާމު އޭނާއަށް ދޭން ނިންމީ ޚުދުމުޚުތާރު ވެރިކަމަކުން އިންސާފުވެރި ޑިމޮކްރަސީއަކަށް ވެނެޒުއޭލާ ބަދަލުކުރަން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ކަމަށް ވެސް ފްރިޑްނީސް ވިދާޅުވި އެވެ.

ނޯބެލް އިނާމު ދޭނެ ބޭފުޅަކު ކަނޑައަޅާ ޖޫރީން ބުނީ މެޗާޑޯ ފިއްލަވައިގެން ދިރިއުޅުއްވީ ވަރަށް ދަތިހާލެއްގައި ކަމަށެވެ.

"އާދައިގެ ވަރަކަށް ޑިމޮކްރެޓިކް، ފާގަތި ގައުމަކުން ޚުދުމުޚުތާރު ގައުމަކަށް ވެނެޒުއޭލާ ވަނީ ބަދަލުވެފައި. އެގައުމު މިހާރު އޮތީ އިންސާނީ އަދި އިގުތިސާދީ ކާރިސާއެއްގައި،" ފްރިޑްނީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެނެޒުއޭލާގެ ދައުލަތުގެ އަނިޔާވެރިކަން އަމާޒުކޮށްފައި ވަނީ އެގައުމުގެ ރައްޔިތުންނަށެވެ. އެކަމުގެ ސަބަބުން ގާތްގަނޑަކަށް އަށް މިލިޔަން މީހުން މިހާރު އެގައުމު ދޫކޮށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާވި އެވެ.

"މި މަފްހޫމްގައި ބަލާއިރު މެޗާޑޯ އަކީ ކުރިން ވަަރަށް ބޮޑަށް ބައިބައިވެފައި އޮތް، ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތައް އެކުވެރިކުރުވާ ޝަހުސިއްޔަތެއް،" ފްރިޑްނީސް ވިދާޅުވި އެވެ.

ނޯބެލް އިނާމު ލިބިވަޑައިގެންނެވުމުން، މެޗާޑޯ ހުންނެވީ ހައިރާން ވެވަޑައިގެންފަ އެވެ.

"އަޅުގަނޑު މި ހުރީ ޝޮކެއްގައި،" މެޗާޑޯގެ ޕެސްޓީމުން އޭއެފްޕީއަށް ފޮނުވި ވީޑިއޯއެއްގައި އޭނާ ވިދާޅުވި އެވެ.

ނޯބެލް އިނާމުދޭ ކޮމިޓީން ސިފަކުރި ގޮތުގައި މެޗާޑޯ އަކީ ލެޓިން އެމެރިކާއިން ފަހުގެ ތާރީހެއްގައި ފެނުނު މަަދަނީ ހިތްވަރުގެ އެންމެ އާދަޔާ ހިލާފު ނަމޫނާ އެވެ.

"އޭނާގެ ފުރާނައަށް ނުރައްކާ އޮތް ނަމަވެސް ގައުމުގައި ދެމި ހުންނެވީ ގައުމުގައި. އެއީ އެތައް މިލިޔަން ބަޔަކަށް އެެކަމުން ހިތްވަރު ލިބުނު ކަމެއް،"

ވެނެޒުއޭލާގައި 2024 ވަނަ އަހަރު ރިޔާސީ އިންތިހާބު ބޭއްވުމުގެ ކުރިން މެޗާޑޯ ހުންނެވީ އެގައުމުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ގޮތުގަ އެވެ. ނަމަވެސް ވެނެޒުއޭލާ ސަރުކާރުން އެކަމަށް ހުރަސް އަޅައި، އެ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އޭނާއަށް ނުދިނީ އެވެ.

އެ ހިސާބުން މެޗާޑޯ ތާއީދުކުރެއްވީ މާ މަޝްހޫރު ނޫން ޑިޕްލޮމޭޓެއް ކަމަށްވާ އެޑްމުންޑޯ ގޮންޒާލެޒް އަށެވެ.

މެޗާޑޯއަށް ނޯބެލް އިނާމު ދޭން ނިންމި ނިންމުމަކީ ސަޕްރައިޒެކެވެ. އެއީ އެ އިނާމު ލިބިވަޑައިގެންފާނެ ބޭފުޅުންގެ ލިސްޓްގައި އޭނާގެ ނަން ކުރިން އަޑު ނީވޭތީ އެވެ.




ޓްރަމްޕް ކުރެއްވި އުއްމީދު

އެމެރިކާގެ ރައީސްކަމަށް ދެވަނަ ފަހަރަށް ވަޑައިގެންނެވީއްސުރެ ޓްރަމްޕް ވިދާޅުވަމުން ގެންދެވީ އޭނާއަށް ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ނަމަވެސް އެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް މިއަދު އިއުލާނުކުރުމާ ހަމައަށް ވެސް، އެ އިނާމާ ބެހޭ މާހިރުން ވިދާޅުވަމުން ގެންދެވީ ޓްރަމްޕަށް އެ ފުރުސަތު ނެތް ކަމަށެވެ. އޭނާގެ ސިޔާސަތުތައް ހުރީ އެ އިނާމު ލިބޭ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް މާހިރުން ގެންދެވީ ވިދާޅުވަމުންނެވެ. އޭގެ އެއް ކަމަކީ ޓްރަމްޕް ގެންގުޅުއްވާ "އެމެރިކާ ފަސްޓް" ސިޔާސަތެވެ.

ނޯބެލްގެ ސުލްހައިގެ އިނާމަށް ޓްރަމްޕުގެ ނަން އޭނާގެ ސަޕޯޓަރުންނާއި އޭނާގެ ފިކުރުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެތައް ފަހަރަކު ނޮމިނޭޓްކޮށްފައިވެ އެވެ. އެކަމަކު މި ޝަރަފްވެރި އިނާމު ލިބިފައި ނުވާތީ ޓްރަމްޕް ވަނީ ފާޅުގައި ނުރުހުން ފާޅުކުރައްވައިފަ އެވެ.

ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން ސާބިއާ އާއި ކޮސޯވޯއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށް ޓްރަމްޕު ކުރެއްވި މަސައްކަތް، ނޯވޭގެ ނޯބެލް ކޮމިޓީން ބަލައިނުގަތް ކަމަށް ބުނެ ފާޑު ކިޔައިފަ އެވެ.

މީގެ އިތުރުން މިސްރާއި އިތިއޮޕިއާގައި "ސުލްހަ ދެމެހެއްޓުމާއި" އިޒްރޭލާއި އަރަބި ގައުމުތަކުގެ ގުޅުން ގާއިމުކުރުމަށް އަބްރަހަމް އެކޯޑްސް ތަންފީޒުކުރުމުގެ ކްރެޑިޓް ވެސް ދޭންޖެހޭނީ ޓްރަމްޕަށް ކަމަށް އޭނާ ގަބޫލުކުރައްވައި އެ ވާހަކަ ދައްކަވަ އެވެ.

ޓްރަމްޕު ރިޔާސީ ކެމްޕެއިނުގައި އޭނާ އަކީ ސުލްހައި ގާއިމުކުރާ މީހެއް ކަމަށާއި ޔުކްރެއިން އާއި ޣައްޒާގެ މައްސަލަ ވަރަށް އަވަހަށް ހައްލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި އޭނާ އަކީ މަޝްވަރާކުރުމުގެ ހުނަރު ހުރި ބޭފުޅެކެވެ. -- އޭއެފްޕީ


ކޮމެންޓް