ހަބަރު

މެމްބަރުން ބޭނުންނަމަ މުންޑު އަދެގެން ވެސް މަޖިލީހަށް އާދެވޭ ގޮތް ހަދައިފި

މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައި އެޅުން ލާޒިމް ނުވާނޭ ގޮތަށް އަދި ގައުމީ، ސަގާފީ ހެދުން ލައިގެން ވެސް ޖަލްސާތަކަށް ހާޒިރުވެވޭ ގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހުކުރަން އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ވަޑައިގަންނަވާއިރު، އެ ބޭފުޅުން ހެދުން އަޅުއްވަންވީ ގޮތުގެ އުސޫލު، މަޖިލީހުގެ ގަވައިދުގެ ޖަދުވަލެއްގެ ގޮތުގައި ހިމެނުމަށް އާއްމު ކޮމިޓީން އިއްޔެ ފާސްކުރީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެންނެވެ.

މަޖިލީހުގެ މެންބަރުންގެ ރަސްމީ ހެދުމަކީ ކޮބައިކަން ގަވާއިދުގައި ކަނޑައަޅަން މަޖިލިހުގެ ރައީސް އަބްދުއްރަހީމް ހުށަހެޅުއްވީ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރުން ހާޒިރު ނުކުރާތީ ކުރައްވާ އިހުތިޖާޖެއްގެ ގޮތުގައި އެމްޑީޕީގެ ތިން މެންބަރަކު ޓައީ އެޅުއްވުން ހުއްޓަވައިލެއްވުމުންނެވެ.

އެއީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ނަމަވެސް ކުޑޫ ފަހުން ވަނީ އޭނާގެ ނިންމުން ބަދަލުކުރައްވައި ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައީ އަޅުއްވަން ފައްޓަވައިފަ އެވެ.

މަޖިލިހުގެ ރައީސްގެ ހުށަހެޅުއްވުން ދިރާސާކުރުމަށް ފަހު ގަވާއިދަށް އިތުރުކުރަން އާއްމުކޮމިޓީން އެކުލަވައިލި ޖަދުވަލުގައި ރަސްމީ ހެދުމުގެ ގޮތުގައި ކަނޑައަޅާފައި އޮތީ ހަތަރު ބާވަތެއްގެ ހެދުމެވެ. 

އެ ޖަދުވަލުގައި ރަސްމީ ހެދުމުގެ ގޮތުގައި ހަތަރު ބާވަތެއްގެ ހެދުން ކަނޑައަޅާފައިވެ އެވެ. އެއީ:

ކޯޓުފަޓުލޫނު

ގައުމީހެދުން/ ދިވެހި ސަގާފީހެދުން

ގަމީހާއި ޓައީ އާއި ފަޓުލޫނު




ރާއްޖޭގައި ހެދުން އެޅުމުގެ އާންމު އަދަބާ ހިލާފު ނުވާ ގޮތަށް ހުންނަ ރަސްމީ ހެދުން؛ މިއީ ޓައީ ނާޅައި ހަމަ އަތްދިގު ގަމީސް ލާފައި ދަށަށް ޖަހައި، ބޫޓަށް އެރުން ކަމުގައި ބެލެވޭނެ 

"ޖަދުވަލު 5"ގެ ގޮތުގައި، ރަސްމީ ހެދުންތަކާއި މަނާ ހެދުންތަކުގެ ލިސްޓެއް ވަނީ މަޖިލީހުގެ ގަވައިދަށް އިތުރުކުރަން ކޮމިޓީން ފާސްކޮށްފަ އެވެ. އެއީ:




ހަންގަނޑު ފާޅުވާ ފަދަ ތުނި ހެދުން.

ވަކި ޖަމާއަތަކަށް ނުވަތަ ވަކި ކަމަކަށް ނިސްބަތްވާ ބެޖެއް ނުވަތަ ނިޝާނެއް ޖަހާފައި ހުންނަ ހެދުން.

އެއްވެސް ބާވަތެއްގެ ޖީންސް.

އަހުލާގީ ގޮތުން އެކަށީގެންނުވާ ހުތުރު ބަސް، އިބާރާތް، ކުރެހުން، ކާޓޫނު، ފޮޓޯ ޖަހާފައި ހުންނަ ހެދުން.

ގިނަ ޖީބުލާފައި ހުންނަ ކުރު އަދި ދިގު ހަރުވާޅު.

ފެންފައިވާނާއި ޓެނިސް އަދި ޖޮގިން ޝޫޒް

ޓީޝާޓް ނުވަތަ ޓީޝާޓް ފޮތިން ފަހާފައި ހުންނަ ހެދުން.

އާއްމު ކޮމިޓީން ފާސްކުރި އިސްލާހުގައިވާ ގޮތުން ހެދުން އެޅުމުގެ ގަވާއިދާ ހިލާފުވާ މެންބަރުންނަށް ފިޔަވަޅު އަޅާނީ މަޖިލީހުގެ ގަވައިދުގެ 71 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށެވެ.

އެ އިސްލާހުތަކަށް އަމަލުކުރަން ފަށާނީ މަޖިލީހުގެ ތަޅުމުން އެ އިސްލާހުތައް ފާސްވެގެންނެވެ. 


ކޮމެންޓް