ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް، އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ސާބިތުވެ ޖަލަށް ލާން ހުކުމްކޮށްފިއެވެ.
ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކޮށްފައިވަނީ 4 އަހަރުގެ ޖަލު ހުކުމެކެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދެ ދަޢުވާއެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބައްސާމްގެ މައްޗަށް އުފުލާފައިވެއެވެ.
ބައްސާމްގެ މައްޗަށް ސާބިތުވެފަ ހުކުމްކޮށްފައި ވަނީ މީގެތެރެއިން ހިޔާނާތުގެ ދައުވާއެވެ. މި މައްސަލައިގައި ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ހުކުމް ކުރުން އޮންނާނީ އެހެން ދުވަހެއްގައެވެ.
މިއީ ، 2016 ވަނަ އަހަރުން ފެށިގެން އެފް.އޭ.އެމްގެ ރައީސްގެ މަޤާމުގައި ހުރެ، އެފް.އޭ.އެމްގެ ކަންކަމަށް ބޭނުންކުރުމަށްޓަކައި، ފީފާގެ ފަރާތުން އެމެރިކާ ޑޮލަރުން އެފް.އޭ.އެމްއަށް ދެމުން ގެންދިޔަ ފައިސާގެ ތެރެއިން، އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން، ބައްސާމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް، $10,000.00(ދިހަހާސް އެމެރިކާ ޑޮލަރު) ޖަމާކުރުމަށްޓަކައި، ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި $10,004.00(ދިހަހާސް ހަތަރު އެމެރިކާ ޑޮލަރު) ގެ ޓްރާންސްފަރކުރުމަށް ލިޔެ، 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައި، ބޭންކް ޗަރޖަސްގެ ގޮތުގައި $5.00 (ފަސް އެމެރިކާ ޑޮލަރު) އުނިކުރުމަށްފަހު $9,999.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާތީއާއި، އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީނަމަވެސް، $9,999.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) އަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީއާއި، ބައްސާމް ޢަދީލް ޖަލީލް އެފް.އޭ.އެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީއާއި، މިފައިސާ މީނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ، ޕީޖީން ކޮށްފައިވާ ދައުވާ އެކެވެ.
މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، މުސާރައާ ނުބައްދަލު ގިނަ އަދަދެއްގެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވާތީ އަދަބު މަތިކުރަން ލިބޭ އިޚުތިޔާރުގެ ދަށުން ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވަން މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ނިންމެވީއެވެ. އަދި، ބައްސާމްގެ ފަރާތުން ޖަލު އަދަބު ލުއިކޮށްދޭން އެދުމުން ވެސް ގާޒީ ވަނީ އެ ކަމަށް އިންކާރުކުރައްވާފައެވެ.
މި މައްސަލައިގެ އިތިރުން ވެސް، ބައްސާމާ ދެކޮޅަށް ދައުވާކުރާ އިތުރު ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެއެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް