ބޭރުދުނިޔެ

އެމެރިކާއަށް ގޮންޖަހައި، އީރާނުން 200 މިލިޔަން ފީފާގެ ތެޔޮވަޅަކާއި 280 ބިލިއަންގެ ގޭސްވަޅެއް ހޯދައިފި


40 އަހަރު ވަންދެން އެމެރިކާ އާއި ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އީރާނުން 280 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ރިޒާވް އެއް ހޯދައިފިއެވެ.

އީރާނުގެ ތެލާއި ބެހޭ މިނިސްޓަރު މުޙައްމަދު ޕަކްނޭޖާދު އިއްޔެ ވިދާޅުވީ އަލަށް ފެނުނު ގޭސް ރިޒާވުގައި ގާތްގަނޑަކަށް 10 ޓްރިލިއަން ކިއުބިކް ފީޓް ނުވަތަ 280 ބިލިއަން ކިއުބިކް މީޓަރަށް ވުރެ ގިނަ ގުދުރަތީ ގޭސް ހުރި ކަމަށެވެ.

އީރާނުގެ މި ގޭސްވަޅު ތަރައްޤީ ކުރުމަށް މިހާރު ވަނީ އެ ޤައުމުގެ ކުންފުނިތަކާއި އެކު މަސައްކަތްވެސް ޙަވާލުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް 40 މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ލިބޭނެ ކަމަށް އީރާނުން ބުނެއެވެ.

މީގެ އިތުރުން އީރާނުން ބުނީ މަދުވެގެން 200 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ ހިމެނޭ ރިޒާވް އެއް ވެސް ފެނިފައިވާ ކަމަށެވެ.

އީރާނަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ޤުދުރަތީ ގޭހުގެ ވަޞީލަތްތައް ހުރި ޤައުމެވެ.

ޤުދުރަތީ ގޭހުގެ ޑިމާންޑް ދުނިޔޭގައި އިތުރުވަމުންދާއިރު، އެމެރިކާ އާއި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުން ބަރޯސާވަނީ ޑޮމެސްޓިކް ކުންފުނިތަކަށެވެ. އީރާނުގެ ސަރުކާރަށް ޖެއްސުންކޮށް ފިއްތުމަށްޓަކައި އެޤައުމުން ގޭހާއި ތެޔޮ ގަންނަ ފަރާތްތަކަށް އެމެރިކާ އާއި ހުޅަނގުން ދަނީ ހިފެހެއްޓުމެއް ނެތި ދަތިކުރުމުގެ ފިޔަވަޅު އަޅަމުންނެވެ. އެހެންނަމަވެސް އީރާނުން އެކި ގޮތްގޮތުން މަގުތައް ހޯދައި އެ ދަނީ ކުރިޔަށެވެ.


ކޮމެންޓް