އދ. ހަންޏާމީދޫ ކައިރީގައި އޮންނަ "އުތުރު އަތަފަރު" ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ޓޫރިސްޓުންނަށް ބޭނުން ކުރެވޭ ގޮތަށް ތަރައްގީ ކޮށްދޭނެ ކަމަށާއި އެ އަތޮޅު "އަލިކޮއި ރަށް" އެ ސަރަހައްދުގެ ހުރިހާ ރަށެއްގެ ޓޫރިސްޓުންނަށް ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހަންޏާމީދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައީސް ވިދާޅުވީ އެ ރަށަކީ ޓޫރިޒަމްގައި ވަރަށް ބޮޑަށް ކުރިއަށްދާ ރަށެއް ކަމަށް ވާތީ އެކަމުގައި އިތުރު ކުރިއެރުން ލިބޭނެ ގޮތަށް ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި ހަންޏާމީދޫ އަކީ ލޯކަލް ޓޫރިޒަމުން ދައުލަތަށް ވެސް ރަނގަޅު އާމްދަނީއެއް ހޯދައިދޭ ރަށެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ "އުތުރު އަތަފަރު" އަކީ ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި އެކަމުގެ ގަރާރު ވަރަށް އަވަހަށް ނެރުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެއީ ލޯކަލް ޓޫރިޒަމްގައި ކުރިއަށް ދާން އިތުރަށް އެހީތެރިކަން ދިނުމަށް ނިންމަވާ ނިންމެވުމެއް ކަމަށެވެ. އަދި ޓޫރިސްޓުންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް އެ ރަށަށް ތަރައްގީ ކުރުމުގައި އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އދ. އަތޮޅަކީ ޓޫރިސްޓުން ގޮވައިގެން ގޮސް ބޭނުންކޮށްލާނެ ރަށްތައް މަދު އަތޮޅެއް ކަމަށާއި އެއީ ހައްލުކުރުން މުހިންމު މައްސަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، ހަންޏާމީދު އާއި އަތޮޅުގެ އެހެން ރަށްރަށުގައި ތިބޭ ޓޫރިސްޓުންނަށް ވެސް ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި އެ އަތޮޅުގެ "އަލިކޮއި ރަށް" ހަމަޖައްސަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެއީ ވަކި ބަޔަކަށް ދޭނެ ތަނެއް ނޫނެވެ. އެ ރަށް ބާއްވާނީ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށް ވިދާޅުވި އެވެ.
"މި ރަށަކީ އެއްވެސް ބަޔަކާ ދެން ހަވާލުކުރާނެ ތަނެއް ނޫން. ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބާއްވައިގެން މި ރަށާއި މި ރަށާ ކައިރީގައިވާ ރަށްރަށާ، މި ހިސާބުގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ގެސްޓުން ގޮވައިގެން ބޭނުންކުރުމަށްޓަކައި ކަނޑައަޅާ ހާއްސަ ރަށެއްގެ ގޮތުގައި އަޅުގަނޑުމެން ކަނޑައަޅަން،" ރައީސް ވިދާޅުވި އެވެ.
އެ ރަށް ބޭނުންކުރުމުގެ އުސޫލު ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަލިކޮއި ރަށް މީގެ ކުރިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވެސް ނިންމި އެވެ. ނަމަވެސް އެ ރަށް ހަވާލު ނުކޮށް އޮތުމުން މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ. އަދި ފަހުން އެ ރަށް އޮތީ އެއްވެސް ބޭނުމެއް ނުކޮށެވެ.
އޭރު ޓޫރިޒަމް ތަރައްގީކުރުަން ހުޅުވާލި 17 ރަށުގެ ތެރޭގައި ވެސް އަލިކޮއި ރަށް ހިމެނެ އެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް