ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އަށް 2013 ވަނަ އަހަރު ވެރިކަން ލިބުނީ އެމަނިކުފާނުގެ ތާއީދާއި އެކުގައި ކަމަށާއި އެއީ ގިނަ ބަޔެއްގެ އާދޭހާއިއެކު ނިންމެވި ނިންމެވުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިބީދައިން ވާހަކަފުޅު ދެއްކެވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ މާމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާލުވެ ދެއްކެވި ވާހަކަފުޅުގައި އެވެ.
އެގޮތުން ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓަކީ ޔާމީންގެ ވެރިކަމުގައި ވިލާއާއި ހަވާލުކުރެވުނު އެއާޕޯޓެއް ކަމަށާއި އެއެއާޕޯޓު ވިލާއާއި ހަވާލުކުރީ އެއާޕޯޓު ހިންގުމުގައި ހަރަދުތައް ބޮޑުވެ ސަރުކާރަށް އެކަމަށް ބުރައަކަށް ވެގެން ކަމަށެވެ. އަދި އެއާޕޯޓު ދިނުމަށް ފަހު ސިޔާސީ ނިޔަތެއްގައި، އެއާޕޯޓު އަތުލީކަން ހުދު ޔާމީންވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެއީ އަނިޔާވެރި ވެރިންގެ ސިފައެއް ކަމުގައި ގާސިމް ސިފަކުރެއްވި އެވެ.
އަދި އެފަދައިން ޔާމީން އަމަލުކުރެއްވި އިރު ޔާމީނަށް 2013 ވަނަ އަހަރުގެ ވެރިކަމަށް އާދެވުނީ ތިމަންމަނިކުފާނުގެ ތާއީދު ލިބިގެންކަމަށާއި ޔާމީނަށް ވެރިކަން ހޯދައިދިނީ ތިމަންމަނިކުފާނު ކަމަށް ގާސިމް ވަނީ ވިދާޅުވެފައި އެވެ. އެގޮތުން އިންތިހާބުގައި ޔާމީންނާއި އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ދާދި އެއްވަރު އިންސައްތައެއް ކަމަށާއި މަދުވީ ދޮޅު އިންސައްތަ ވޯޓުތަކަށް ގާސިމް ވިދާޅުވިއެވެ. އަދި ގިނަ ބަޔެއްގެ އާދޭހާއި އެދުމުގެ މަތީން ދެވަނަ ބުރުގައި ޔާމީންނަށް ތާއީދުކުރުމާއިއެކު ޔާމީނަށް ވެރިކަން ލިބުނީ ކަމަށް ގާސިމް ވިދާޅުވިއެވެ.
" އަހަރަމެންގެ ތާއީދާއި ރުހުމާއިއެކު ދޮޅު ޕަސެންޓު އިތުރުވީ. ދެން މާ ފުއްޕާކަށް ކީތްކުރަންތޯ؟ " ގާސިމް ވިދާޅުވިއެވެ.
އަދި ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަތައް ރައްދު ނުދެއްވަނީ އެވާހަކަތައް ދެއްވާނެ ރައްދު ނުހުންނާތީ ނޫންކަމަށާއި އެފަދައިން ކަންކަން ނުކުރައްވަނީ މަސްލަހަތައްޓަކައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޔާމީނަށް ވެރިކަން ލިބުނީ އަޅުގަނޑުގެ ތާއީދުން، ދެން "މާ ފުއްޕާކަށް" ކީތްކުރަންތޯ: ގާސިމް

ގުޅޭ ލިޔުންތައް
ކޮމެންޓް