ހަބަރު

ފެންފުށީ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅާ ވޮލީ ކޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

އދ. ފެންފުށީ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި އެރަށު ވޮލީ ކޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނު ފެންފުއްޓަށް ވަޑައިގަތުމުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފަ އެވެ. ވަރަށް ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަޙައްދަށް ޖަމާވެފަ އެވެ.

އެ ރައްޔިތުންނާއި ސަލާމް ކުރެއްވުމަށް ފަހު ރައީސް ވަނީ ފެންފުށީ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި އެރަށު ވޮލީ ކޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ފެންފުށީ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެ މަސައްކަތް ހަވާލުކުރި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އާއި ފެންފުށި ހިމެނޭ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ފެންފުށީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ ވެސް ވަނީ އަޅާފަ އެވެ. ބިންގާ އަޅުއްވައި ދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަަޒީރު ތޯރިޤް އިބްރާހިމް އާއި އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީ އާއި ފެންފުށި ހިމެނޭ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އެވެ.

މީގެ އިތުރުން ފެންފުށީގައި ވޮލީ ކޯޓެއް ތަރައްޤި ކުރުމަށް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކުރައްވާފަ އެވެ. އެ މަސައްކަތުގައި ހިމެނިހެން ފުޓްބޯޅަ ދަނޑު ވަށައިގެން ޓްރެކެއް ހެދުން ވެސް ހިމެނިފައިވެ އެވެ.


ކޮމެންޓް