މުދައްރިސުން ގައުމަށް ކޮށްދޭ ހިދުމަތަކީ މާއްދީ އެއްވެސް އެއްޗަކުން އަގުކުރެވޭ ވަރަށްވުރެ އަގުހުރި، ގަދަރުވެރި އަދި ފަހުރުވެރި ހިދުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ޝާއިއުކުރެއްވި ޕޯސްޓެއްގަައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވި ގޮތުގައި މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަަކީ އެކަމުގައި ދުނިޔެއާއި އާހިރަތުގެ މަންފާ އެކުލެވޭ ހިދުމަތެކެވެ. އަދި އެ ހިދުމަތަކީ އޭގެ އަގު މާއްދީ އެއްވެސް އެއްޗަކުން އަދާކުރެވޭ ވަރަށްވުރެ މާ މަތިވެރި ހިދުމަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މުދައްރިސުން ކުރައްވާ މަސައްކަތަކީ ގަދަރުވެރި އަދި ފަހުރުވެރި މަސައްކަތެއް ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ މާދަމާ ދިވެހި ގައުމުގެ ދިދަ އުފުލާޒނެ އަޒުމު ވަރުގަދަ، ހިތްވަރު ހުރި މޮޅު ކުދިން މިއަދު އެތިބީ މަދުރަސާތަކުގައި ކަމަށާއި، ދިވެހި ބޭނުންވާފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެ ކުދިން ތަރުބިއްޔަތުވާނީ މިއަދު މުދައްރިސުން ދިން އިރުޝާދަކާއި ތައުލީމަކާއި އޯގާތެރިކަމެއްގެ ސަަބަބުން ކަމަށެވެ.
"އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި،" މާދަމާ ރާއްޖެ ބިނާކުރާނެ ހިތްމަަތްތެރި ހިދުމަތްތެރިން ބިނާކުރުމުގެ ހުރިހާ ބާރެއް މުދައްރިސުންގެ އަތްމަތީގައި އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސްވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަަތްކުރައްވާ ހުރިހާ މުދައްރިސުންނަށް ކުރިއެރުމާއި އިތުރު ފަހިކަން ލިބޭނެ ގޮތްތައް ސަރުކާރުން ހޯދައިދޭނެ ކަމުގެ ޔަގީންކަން މުދައްރިސުންނަށް ދެއްވާފައެވެ.
" ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭކަމުގެ ޔަގީންކަން އަރުވަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓު ނިންމަަވައިލެއްވީ ހުރިހާ މުދައްރިސުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން، ކޮންމެ އެދުރެއްގެ އާއިލާއަށް ދުޅަހެޔޮކަމާއި އުފާފާގަތިކަން ދެއްވުން އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި އެކަނި ދުއާކުރައްވަމުންނެވެ.
މުދައްރިސުންގެ ހިދުމަތަކީ މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ ގަދަރުވެރި ފަހުރުވެރި ހިދުމަތެއް: ރައީސް

ކޮމެންޓް