ހަބަރު

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ހުޅުވާލައިފި

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮންސްޓަބަލްގެ ވަޒީފާއަށް ހުޅުވާލި ނަމަވެސް ވަޒީފާއަށް މީހުން ނަގާނެ ވަކި އަދަދެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

އިއުލާނުގައިވާ ގޮތުން ވަޒީފާއަށް ކުރިމަތިލެވޭނީ އެސްއެސްސީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު ޖީސީއީ އޯ ލެވެލް އިމްތިހާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ނަމަ އެވެ.

ތައުލީމީ ޝަރުތުތަކަށް ވުރެ މަތިން އޯވަކޮލިފައިވާ ފޯމް ބަލައި ނުގަންނާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ވަޒީފާގެ އިތުރު ޝަރުތުތަކުގެ ތެރޭގައި މީލާދީ ގޮތުން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހެއްކަމުގައިވުމާއި ފިރިހެނެއް ނަމަ އިސްކޮޅުގައި ކުރުވެގެން ފަސް ފޫޓު އެއް އިންޗި އަދި އަންހެނެއް ނަމަ ފަސް ފޫޓު ހުރުން ހިމެނެ އެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ރެކުރޫޓްކުރެވޭ ފުލުހުންގެ އާންމު ޝަރުޠު ފުރިހަމަވެފައިވާ މީހެއްކަމުގައިވުން ހިމެނެ އެވެ.

މަގާމުގެ އަސާސީ މުސާރައަކީ 8،990 ރުފިޔާ އެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި 6،510 ރުފިޔާ ލިބޭއިރު ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް އަދި ކެއުމާއި ބޭސްފަރުވާ ލިބޭނެ އެވެ.

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 15 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.


ކޮމެންޓް