ހަބަރު

އުޅަނދެއް ނެތް ބަޔަކާ މުދާ އުފުލަން ހަވާލުކޮށް, ފެނަކައިން 105 މިލިއަން ރުފިޔާ ޚަރަދުކުރި: އޮޑިޓް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމުނުއިރު 3.9 ބިލިއަން ރުފިޔާއިން ދަރާފައި އޮތް ފެނަކަ ކޯޕަރޭޝަނުން, މުދާ ސަޕްލައި ކުރާ އުޅަނދު ފަހަރު ނުގެންގުޅޭ ކުންފުނިތަކުން އަގު ހޯދައި, އެ ފަރާތްތަކާ މަސައްކަތް ހަވާލުކޮށްގެން މުދާ އުފުލުމަށް 105 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ރޭ އޮޑިޓް އޮފީހުން އާއްމުކުރި, ފެނަކަ ކޯޕަރޭޝަންގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި, އެމްޑީޕީގެ ވެރިކަމުގައި އެ ކުންފުނީގެ ވެރިއަކަށް އަޙްމަދު ސައީދު މުޙައްމަދު ހުންނެވިއިރު, ކުރަން ނުވާނެ ގޮތަށް އެތައް ކަމެއް އެ ކުންފުނިން ވަނީ ކޮށްފައެވެ. އޭގެ ނަތީޖާއަކަށްވީ އަހަރުން އަހަރަށް އެ ކުންފުނީގެ މާލީ ހާލަތު ދަށަށް ދިއުމެވެ.

އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ފެނަކައިގެ ޖުމުލަ ދަރަނި 769 މިލިއަން ރުފިޔާގައި ހުރިއިރު އެވެރިކަން 2023 ވަނަ އަހަރު ނިމުނުއިރު އެ އަދަދު ވަނީ އަހަރުން އަހަރަށް މައްޗަށް ގޮސް 3.9 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ރިޕޯޓްގައި ކުރަން ނުވާ ގޮތަށް އެ ކުންފުނިން ކޮށްފައިވާ އެތައް ކަމެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ރަށްރަށަށް މުދަލާއި ތަކެތި ފޮނުވުމަށް ކޮށްފައިވާ ޚަރަދުތަކެވެ. އެގޮތުން އެކިއެކި ފަރާތްތަކާ ހަވާލުކޮށްގެން މަސައްކަތް ކޮށްފައިވަނީ މާކެޓް އަގަށް ވުރެ 47.5 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްގެން ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އެގޮތުން މުދާ އުފުލުމަށް ޖުމުލަ 191 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު އޭގެ ތެރެއިން މާކެޓް ރޭޓަށް ވުރެ އަގު ބޮޑުވާ ކޮންޓްރެކްޓަކުގެ ޖުމުލަ އަގު 103 މިލިއަން ރުފިޔާއަށް އަރައެވެ. މާކެޓް ރޭޓުން 55.5 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވެއެވެ.

އޭގެ މިސާލުތައް ދައްކަމުން ރިޕޯޓްގައި ބުނެފައިވަނީ މާލެއިން އައްޑޫ ސިޓީ ހިތަދުއަށް މުދާ ގެންދިއުމަށް ފެނަކައިން 495,000 ރުފިޔާއަށް ދޯންޏެއް ކުއްޔަށް ހިފާފައިވާއިރު މާކެޓް ރޭޓަށް ބަލާއިރު އެ މަސައްކަތުގެ އަގަކީ 90,000 ރުފިޔާ އާއި 140,000 ރުފިޔާ ދެމެދު ކަމަށެވެ. އަދި، ގދ. ތިނަދުއަށް މުދާ ގެންދިއުމަށް ފެނަކައިން 450,000 ރުފިޔާއަށް ދޯންޏެއް ކުއްޔަށް ހިފާފައިވާއިރު މާކެޓް އަގަކީ 80,000 ރުފިޔާއާއި 120,000 ރުފިޔާ ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.

ހަމައެހެންމެ ރަށްރަށަށް މުދާ އުފުލުމަށް 2021 ވަނަ އަހަރާއި 2023 ވަަނަ އަހަރު ފެނަކައިން ކުންފުނިތަކާ ހަވާލުކޮށްފައިވަނީ އެކަން ކުރާ ކުންފުނިތަކުން އަގު ހޯދުމުގެ ބަދަލުގައި ތިންވަނަ ފަރާތަކުން އަގު ހޯދައިގެން ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އެގޮތަށް ހަވާލުކުރި ބައެއް ކުންފުނިތަކަކީ މުދާ އުފުލާ އުޅަނދެއް ނުވެސް ގެންގުޅޭ ކުންފުނިތައްކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، އެ ކުންފުނިތަކާ ހަވާލުކޮށްގެން މުދާ އުފުލުމަށް ފެނަކައިން އެ ތިން އަހަރު ތެރޭ ވަނީ 105 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ކަމަށް ރިޕޯޓްގައި ބުނެއެވެ.


ކޮމެންޓް