ތ.ހިރިލަންދޫގެ އައު މިސްކިތާއި، ކައުންސިލު އިދާރާގެ އިތުރަށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ހިރިލަންދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކުރިއަށްގެންދިޔަ ވަކިވަކި ރަސްމިއްޔާތުތަކުގައެވެ.
އެގޮތުން ހިރިލަންދޫ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އެމަނިކުފާނުގެ އަރިހުގައި ހިރިލަންދޫ ހިމެނޭ ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަލީ އަޝްރަގާއި ހިރިލަންދޫ ކައުންސިލުގެ ރައީސްގެ އިތުރަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހު ބައިވެރިވެވަޑައިގަތެވެ.
މިސްކިތުގެ އިތުރަށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމަށްވެސް ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވާފަައިވެއެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއުއެވެ. އޭނާގެ އަރިހުގައި އެ މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފު ބައިވެރިވެވަޑައިގަތެވެ. މެންބަރު އަޝްރަގާއި އެ ރަށު ކައުންސިލުގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހަމައެހެންމެ ބައެއް ރަަށްރަށުގައި އައު ކައުންސިލު އިދާރާ ބިނާކުރުމަށް އާރްސީސީއާ ހަވާލުކޮށްގެން ހިންގަމުންދާ ބޮޑު މަޝްރޫއުގެ ދަށުން، ތ.ހިރިލަންދޫ ކައުންސިލު އިދާރާގެ ބިންގާ އަޅުއްވައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ލޯކަލް ގަވަމެންޓު މިނިސްޓަރ އާދަމް ޝަރީފު އުމަރެވެ.
ހިރިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުވެސް މި ދަތުރުފުޅުގެ ތެރެއިން ފަށާފައިވެއެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބެވެ.
ރައީސް އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގައި ރަށްރަށުގެ ކައުންސިލުތަކާއި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރަށް ރަށްރަށުގައި އަލަށް ފަށާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފެށުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަންނަވައެވެ. އަދި ބައެއް ރަށްރަށުގައި ކުރިއަށް އޮތް ތަނުގައި ހިންގަން ރާވާފައިވާ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުންވެސް ކުރިއަށްގެންދެއެވެ.
ހިރިލަންދޫން ދެންނެވި ހޫނު މަރުހަބާ އާއިއެކު މިސްކިތާއި ފިޓްނަސް ސެންޓަރާއި ކައުންސިލް އިދާރާ އާއި މަގު ހެދުމުގެ އިތުރުން ބަދަރުގެ އަމަލީ މަސައްކަތް ފަށައިފި

ކޮމެންޓް