އދ.ގެ އާންމު މަޖިލީހުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، ނުފޫޒު ގަދަ އިސްލާމީ ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
އެމެރިކާގެ އެކުވެރި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ ކާރިސާއެއް ކުރިމަތިކޮށްފައި ވާތީ އެ މައްސަލައަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ބެލެވޭ އާންމު މަޖިލިސް ކުރިއަށްދާއިރު ގަތަރު، ސައޫދީ އަރަބިއްޔާ، އިންޑޮނީޝިއާ، ތުރުކީ، ޕާކިސްތާން، މިސްރު، ޔުނައިޓެޑް އަރަބި އެމިރޭޓްސް، އަދި އުރުދުންގެ ވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވި އެވެ.
މި ގައުމުތަކާ ބައްދަލުކުރައްވާނީ ހުރިހާ ލީޑަރުން އެކީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕްރެސް ސެކްރެޓަރީ ވިދާޅުވި ގޮތުގައި އިޒްރޭލުން ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ނިމުމަކަށް ގެނައުމަށް ފަހު ދެން ޣައްޒާ ހިންގާނެ ގޮތަކާ މެދު އެމެރިކާއިން ގެންގުޅޭ ޕްލޭން އިސްލާމީ ގައުމުތަކުގެ ވެރިންނަށް ޓްރަމްޕު ހާމަކުރައްވާނެ ކަމަށް ބެލެވެ އެވެ.
ޓްރަމްޕު ކުރިން ވަނީ ޣައްޒާއިން މީހުން ހުސްކޮށް އެތަނުގައި މަތީ ފެންވަރުގެ ރިސޯޓެއް ހަދައި އަދި ޒަމާނީ އެޕާޓްމަންޓް ބިލްޑިންގުތައް އަޅައި ތަރައްގީކުރުން ކަމަށް ވަނީ ބުނެފަ އެވެ. މި ޕްލޭނަށް އިސްލާމީ ގައުމުތަކުން ދެކޮޅުހަދައި، ޣައްޒާއިން މީހުން ނެރުމާ ވަނީ ދެކޮޅު ހަދައިފަ އެވެ.
މި ބައްދަލުވުން ބޭއްވުމުގެ އދ.ގެ އާންމު މަޖިލީހުގައި ޓްރަމްޕު މާދަމާ ތަގުރީރު ކުރައްވާނެ އެވެ. މި ތަގުރީރުގައި އެމެރިކާގެ ބާރާއި ނުފޫޒު ދުނިޔޭގެ ކަންކޮޅުތަކުގައި އަލުން ވަރުގަދަކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ސަތޭކައަށްވުރެ ގިނަ ލީޑަރުންނަށް ޓްރަމްޕު އަންގާރަ ދުވަހު ފަރިއްކޮޅެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިފަހަރުގެ އާންމު މަޖިލީހުގައި އެތައް ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެތީ އެމެރިކާ އާއި އިޒްރޭލުން ގެންދަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައި އަދި އެކަން ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތްކުރަމުންނެވެ.
ނުފޫޒުގަދަ އިސްލާމީ ގައުމުތަކުގެ ލީޑަރުންނާ ޓްރަމްޕު އދ.ގައި ބައްދަލު ކުރައްވަން ފައްޓަވައިފި

ގުޅޭ ލިޔުންތައް
ކޮމެންޓް