އިންސާނުންގެ ދިރިއުޅުމުގައި ހިމޭންކަމާއި ހަނުހުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ބައެއް ފަހަރު ހިމޭނުން ހުންނަނީ، ބުނާނެ އެއްޗެއް ނޭނގިގެން ނުވަތަ ޖަވާބު ދޭން ނޭނގިގެނެއް ނޫނެވެ. އެއަށްވުރެ މާ މަތިވެރި، މާ ބޮޑު ސަބަބުތަކެއް އެކަމުގައި ވެއެވެ. ވާހަކަ ނުދައްކާ، ނުވަތަ ރައްދުނުދީ ހިމޭނުން ހުންނަނީ، އެއަށްވުރެ މުހިންމު ކަމެއް އިސްކުރާތީއެވެ. އެއީ ކޮން ކަމެއް ހެއްޔެވެ؟
ހަޤީޤަތުގައި އެއްޗެއް ނުބުނެ ހުންނަނީ، މަސްލަހަތަށްޓަކައެވެ. މުޖުތަމަޢުގައި ވިޔަސް، އާއިލީ ގުޅުންތަކުގައި ވިޔަސް، ނުވަތަ ރަހުމަތްތެރިކަމުގެ ގުޅުންތަކުގައި ވިޔަސް، ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް ފަހަރު އެއްޗެއް ބުނެފިނަމަ، ހަމަޖެހުން ގެއްލި، މަސްލަހަތު އިތުރަށް ގޯސްވެދާނެއެވެ. އެހެންކަމުން، ބައެއް ކަންކަމުގައި ދުލެއް ނުހުޅުވައި، ހިމޭނުން ހުރުމަކީ ބުއްދިވެރިންގެ މަގެކެވެ. އަދި އެއީ އެމީހެއްގެ ހެޔޮކަމުގެ މަގު ފާހަގަކޮށްދޭ ދަލީލެކެވެ.
ޚާއްޞަކޮށް ލޭގެހޫނު ކަން ގަދަވެފައިވާ ވަގުތުތަކުގައްޔާއި، ރުޅިވެރިކަން އިތުރުވެފައިވާ ވަގުތުތަކުގައި ތިމާ ދުލުން ބޭރުކުރާ ބަސްތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. އެފަދަ ވަގުތެއްގައި ބުނެލެވޭ ހަމަ އެންމެ ބަހަކުންވެސް، ހަސަދައިގެ އަލިފާނުގެ ހުޅު ރޯވެ، ކަންކަން މުޅިން ބަދަލުވެދާނެއެވެ. އެފުށް މިފުށަށް ޖެހިދާނެއެވެ. ހިތްތަކުގައި ފޮރުވިފައިވާ ނުތަނަވަސްކަން ބޭރުވެ، ގުޅުންތައް ކަނޑުވެ، އެއްބަސްވުންތަކާއި އެއްބައިވަންތަކަން ގެއްލިދާނެއެވެ. އެހެންކަމުން، ހިމޭންކަން ބައެއް ފަހަރު ވަނީ ރައްކާތެރިކަމުގެ އައްޑަނައެއްގެ ގޮތުގައެވެ.
އާދޭހެވެ! ބުނާނެ އެއްޗެއް ނޭނގެނީކީ ނޫނެވެ. ނުވަތަ ޖަވާބު ދޭން ނޭނގެނީކީ ނޫނެވެ. ބުނާނެ ކިތައްމެ އެއްޗެއް އެބަ އޮތެވެ. ބުނާނެ ކިތައްމެ ގޮތެއްވެސް އެނގެއެވެ. އެކަމަކު ހަމަ މަސްލަހަތަށްޓަކައި ނުބުނަނީއެވެ. އެއީ ތިމާ ކިތައްމެ ދެރަކޮށް ނިކަމެތިކޮށްލިކަމުގައި ވީނަމަވެސް މެއެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި އެތައް ވާހަކައެއް ރައްކާކުރެވިފައި ވިޔަސް، އަޅުގަނޑުމެންގެ ބަސްތަކުން އެކަންކަން ހާމަކުރެވޭނެ އެތައް ގޮތެއް ދަސްވެފައި ވިޔަސް، ބައެއް ފަހަރު ހަމަޖެހުމާއި އަމާންކަމަށް އިސްކަންދީ، އަމިއްލަ ނަފްސު ޤުރުބާންކުރުމަކީ ދިރިއުޅުމުގެ ވެސް މުހިންމު އަސާސެކެވެ. އެއީ އަމިއްލަ އިޙްސާސްތަކާއި ވޭންތަކަށްވުރެ، މުޅި މުޖުތަމަޢުގެ ހަމަޖެހުން މަތިވެރިކުރުމެވެ. ހިމޭންކަމަކީ ބައެއް ފަހަރު ހިތްވަރެކެވެ. އަދި ޙިކުމަތްތެރިކަމުގެ ނިޝާނެކެވެ. އެހެންކަމުން ހިމޭންވާ ކޮންމެ މީހަކީ، ބުނާނެ އެއްޗެއް ނޭނގިގެން އެއްޗެއް ނުބުނެ ހުންނަ މީހެއްކަމުގައި ތިބާ ހީނުކުރާށެވެ!

ކޮމެންޓް