ހަބަރު

ރިޔާސީ ދައުރެއް މިސަރުކާރަކުން ނުދަންމާނެ، އަޅުގަނޑުމެން ތާއީދެއް ނުކުރާނެ: ފަލާހް

މި ސަރުކާރުން ރިޔާސީ ދައުރު ދަންމާނުލާނެ ކަމަށާއި ރިފަރެންޑަމް ބިލުން ކުރަން އުޅޭ ކަމަކީ މުހިއްމު ކަންކަމުގައި ރައްޔިތުންގެ ހިޔާލުހޯދުން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރިފަރެންޑަމް ބިލު ދިރާސާކޮށް، އެކުލަވާލި ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ ރިފަރެންޑަމް ބިލުގައި ރައްޔިތުންގެ ހިޔާލު ހޯދުން ނޫން އެހެން ކަމެއް ނެތް ކަމަށެވެ. ބިލުން ހިޔާލު ހޯދާނެ ކަންތައްތަކުގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ހަނިފަރު ބޭ ސަރަހައްދުގައި ހިމެނޭ ބ.ދޮންފަހު ބިން ހިއްކުމުގެ މައްސަލަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ދައުރު ދަންމަން ތާއީދެއް ނުކުރާނެ އެވެ.

"ވަރަށް ސާފު މި ބިލު. މި ބިލަކު ނެތް [އެހެން ކަމެއް]، ރިޔާސީ ދައުރެއް މި ސަރުކާރަކުން ނުދަންމާނެ، އަޅުގަނޑުމެން ތާއީދެއް ނުކުރާނެ. ރައީސުލް ޖުމްހޫރިއްޔާ [ދައުރު ދަންމަން] ކުޑަކޮށް ވެސް ތާއީދެއްް ނުކުރާނެ،" ފަލާހު ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ޕީއެންސީން އުޅެނީ ރިޔާސީ ދައުރާއި މަޖިލީހުގެ ދައުރު "ކުރުކޮށްލަން" ކަމަށް ވިދާޅުވެ، އެއީ އިންތިހާބުތައް އެއްކޮށްލުން ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"އަނެއްކާ މިވެސް އޮޅުވައިނުލާތި، މިކިޔަނީ މި އަންނަ ފަހަރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ އެއްކޮށް ބާއްވާ ވާހަކަ،" އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހް ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްފަހަރާ ބޭއްވުމަކީ ޕީއެންސީގެ މެންބަރުން ވެވަޑައިގަންނަވާ ގުރުބާނީއެއް ކަމަށް ވެސް ފަލާހު ސިފަކުރެއްވި އެވެ.

ރިޔާސީ ދައުރާ ބެހޭ ގޮތުން ފަލާހް މިގޮތަށް ވާހަކަ ދެއްކެވީ، ރިފަރެންޑަމް ބިލު ފާސްކުރުމުގެ ފަހަތުގައި އޮތީ ރިޔާސީ ދައުރު 10 އަހަރަށް ދަންމާލުން ކަމަށް އިދިކޮޅު ބައެއް މީހުން ތުހުމަތުކުރާތީ އެވެ.

އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބިލެއް މަޖިލީހަށް ހުށަހެޅީ ރައީސް މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17 ގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލު ކުރުމާއި ރިޔާސީ އިންތިހާބާއި މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. ނަމަވެސް އެ ނޫން ވެސް ގައުމީ މުހިންމު ކަންކަމުގައި ވެސް ފެންނަ ނުފެންނަ ވޯޓަަކަށް ދިއުމުގެ ފުރުސަތު އެ ބިލުގައި އޮވެ އެވެ.

އެ ބިލުގައިވާ ގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އަހަން ޖެހެނީ ގާނޫނުއަސާސީގައިވާ އަސާސީ ހައްގުތަކަށް އިސްލާހު ގެނައުމާއި މަޖިލީހުގެ ދައުރާއި ރިޔާސީ ދައުރާއި ރައީސް އިންތިހާބު ކުރާ ގޮތާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގަ އެވެ.

އަދި ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާ ހާލަތްތަކުގައި ވެސް އެ ބިލުގެ ދަށުން ވޯޓު ނަގަން ޖެހެ އެވެ.

ގައުމީ މައްސަލަތަކުގައި އާންމުންގެ ހިޔާލު ހޯދަން ފެންނަ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ނަމަ، އެ ގާނޫނުގެ ދަށުން ހިޔާލު ހޯދަން ވޯޓަށް އެހިދާނެ ކަމަށް ބަޔާންކުރާއިރު އެފަދަ ހާލަތްތަކާއި އާންމުންގެ ވޯޓަށް އަހަން އެމަނިކުފާނަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅަން ޖެހެނީ ރައީސް ސޮއި ކުރައްވާ ނެރުއްވާ ގަރާރަކުންނެެވެ. އަދި ވޯޓަށް އަހަން ޖެހޭ ހާލަތެއް އޮތް ކަމަށް މަޖިލީހަށް ފެންނަ ހާލަތުގައި ވެސް ގަރާރެއް ފާސްކުރަން ޖެހެ އެވެ.


ކޮމެންޓް