ފިނިއަށި

ދުނިޔެއަށް އެދޭމިންވަރު ބޮޑުވުމަކީ ހަމަނިދިނުލިބޭ ކަމެއް!

ކިތަންމެ ދަތި ޙާލެއްގައި އުޅެންޖހުނަސް އެއީ މައްސަލައެއް ކަމަށް ނުދެކޭށެވެ! އެންމެ އިރަކު ކާނެ އެތިކޮޅެއް ލިބުނަސް ޝަކުރާ ނުކުރާށެވެ! ކަންބޮޑުނުވާށެވެ! ޔަޤީންކުރަން އޮތް ކަމަކީ ކޮންމެ މީހަކު، ކޮންމެ ދުވަހަކުވެސް ނިދާނީ އެދުވަހަށް ކަނޑައަޅުއްވަވާފައިވާ ރިޒްޤް ލިބިގެންކަމެވެ.

އެއްވެސް ޙާލެއްގައި މިބުނަނީ ރިޒުޤް ހޯދަން މަސައްކަތްނުކޮށް ހުރުމަކަށް ނޫނެވެ. ރިޒުޤް ހޯދަން އެމީހަކަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއްވެސް ކުރަންވާނެއެވެ. މިބުނަނީ ރިޒުޤް ޖޯދަން މަސައްކަތްކުރުމަށްފަހު އޮތީ ވަކީލުކުރުން ކަމަށެވެ.

އިންސާނުންނަށް އެންމެ މުހިންމު ކަމަކީ ތަނަވަސްކަން ކަމުގައި ބެލެވެން ފެށި ހިސާބުން ދިރިއުޅުމަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މާއްދިއްޔަތަށް ގެއްލި ހުސްވެފައެވެ. އެހެންކަމުން ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަންކަން އެބަހުއްޓެވެ.

ކޮންމެ މީހަކުވެސް އެމީހަކަށް ފައިދާކުރާނެ ކަންކަން ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާނެއެވެ. އަދި ކާމިޔާބުވުމުން އިންތިހާއަށް ﷲ ތަޢާލާއަށް ޙަމްދުކުރާނެއެވެ. ޝުކުރުވެރިވެސްވާނެއެވެ.

މީސްތަކުންނޭވެ! ދުނިޔޭގައި ކިތަންމެ ގިނަ ކަންތައްތަކެއް ކާމިޔާބުކުރެވުނު ނަމަވެސް އަދި އެއީ ފުދުނީއެއް ނޫނެވެ. ފުދުމާއި ގާތްވެސްވީއެއް ނޫނެވެ. ކިރިޔާވެސް ފުދޭނީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަދެވިއްޖެނަމައެވެ. ސުވަރުގޭގެ އެންމެ ދަށު ދަރަޖައިން ނަމަވެސް ޖާގައެއް ލިބިއްޖެނަމައެވެ.

ދުނިޔެއިން ކަންކަން ޙާޞިލުކުރަން މަސައްކަތްކުރާއިރު ޙަލާލް ނޫން ގޮތުގައި އެއްވެސް ކަމެއް ލިބި ނުގަންނާށެވެ! އެކަމަކުން ކިތަންމެ ބޮޑު މާލީ މަންފާއެއް ލިބުނު ނަމަވެސް އަދި ދުނިޔަވީ ގޮތުން ކިތަންމެ ބޮޑު ނިޢްމަތެއް ލިބުނުކަމުގައިވީނަމަވެސް އެކަމެއްގައި ﷲ ތަޢާލާ ބަރަކާތް ނުލައްވަވާނަމަ ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. ލިބޭނެ އެއްވެސް ޙަޤީޤީ އުފާވެރިކަމެއްވެސް ނެތެވެ.

އެކަމުގެ ދަލީލަކީ އެންމެ ބޮޑެތި ބިލިއަނަރުންނަށް މަސްތުގެ ޙާލަތުގައި ނޫނީ ނިދައި ނުލެވޭ ކަމެވެ. އަދި ﷲ ތަޢާލާ އެބައަކަށް ބަރަކާތް ލައްވަވާފައިވާ ފަޤީރު، ނިކަމެތި މީހުންނަށް އެފަދަ އެއްވެސް އެއްޗެއް ބޭނުން ނުކޮށް ހަމަ އަރާމުގައި ނިދައިލެވޭކަމެވެ.

ވީމާ ދުނިޔެއިން ކުރިއެރުން ހޯދުމުގެ ދަހިވެތިކަމުގައި ﷲ ތަޢާލާ ނަހީކުރެއްވެވި އެއްވެސް ކަމެއް ނުކުރާށެވެ! ފާފައަކަށްވެދާނެ ކަމެއް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަމުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ!ާފަކުރުން ގިނަވުމާ ދުނިޔެއަށް އެދޭމިންވަރު ބޮޑުވުމަކީ ދިރިއުޅުމުގަ ބަރަކާތް ކެނޑި ހަމަނިދިނުލިބޭ ކަމެކެވެ.


ކޮމެންޓް