ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 3119 އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު 4000 މީހުންނާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު 3131 އެއްބަސްވުމުގައި ސޮއިކުރުމަށް މިހާތަނަށް ވަނީ ތާވަލުކޮށްފައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ މީގެ ތެރެއިން 3119 އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށެވެ.
4000 ހައުސިން ޔުނިޓު މަޝްރޫއުގެ ތެރެއިން 3000 އަށް ވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރެވުމަކީ ކޯޕަރޭޝަނަށް ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.
އެފްޑީސީން ވަނީ އަމާން އުދަރެސް މަޝްރޫޢުގައި ހިމެނޭ 16 ޓަވަރުގެތެރެއިން 14ވަނަ ޓަވަރުގެ ޔުނިޓުތަކުގެ ތަޅުދަނޑިހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައެވެ. އެގޮތުން، ފަހި ޕޯޓަލް މެދުވެރިކޮށް އެ މަސައްކަތް ފަށައި ފްލެޓް ހަވާލުކުރެވޭ ފަރާތްތަކަށް އަންގަމުންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެ ކޯޕަރޭޝަނުން ބުނީ ޓަވަރުތައް ހަވާލުކުރާއިރު ޓަވަރުތަކުގައި ފިނިޝިންގ ގެ މަސައްކަތް ނިމި، ފެން، ކަރަންޓު އަދި ނަރުދަމާގެ ނިޒާމުވެސް ނިމިފައިވާނެ ކަމަށެވެ.
ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން އެ ކޯޕަރޭޝަނުން ތަރައްޤީކުރި 4000 ހައުސިންގ ޔުނިޓުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ނިމިފައިހުރި ޓަވަރުތަކަށް އިސްކަންދީގެންނެވެ. ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަންޖެހޭ އަދަދު، ޕޯޓަލްގެ "ފައިނޭންސް" ޕޭޖުން ފެންނާނެއެވެ. ފްލެޓްތަކަށް އެފްޑީސީ ޕޯޓަލް މެދުވެރިކޮށް ބޭންކު ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭއިރު ފައިސާ ދެއްކުމަށްފަހު ފައިސާ ދެއްކި ކަމުގެ ރަސީދު ވަގުތުން ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެެއެވެ.
ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.
ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ފްލެޓް ލިބުނު ފަރާތްތަކާ ފްލެޓް ހަވާލުކުރުމަކީ އެފްޑީސީގެ އަމާޒެކެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް