ހަބަރު

ރައީސްގެ ނިންމުމާއިއެކު އަދުލް އިންސާފް އަވަސް ވާނެ: ސްޕްރީމް ކޯޓު

އަންނަ އަހަރުގެ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމުގެ ސަބަބުން އަދުލުއިންސާފު ގާއިމުކުރުމަށް އިތުރު ހަލުވިކަމެއް އަންނާނެކަމަށް ސްޕްރީމް ކޯޓުން ބުނެފިއެވެ.

ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށާއި، އެކަމަށް މަގުފަހިކުރުމަށްޓަކާ، އަންނަ އަހަރުގެ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ ބުރާސްފަތިދުވަހުއެވެ.

ސްޕްރީމް ކޯޓުން ވަނީ ދިވެހިރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކުރައްވައި، މިނިވަން ޖުޑިޝަރީއެއް ޤާއިމުކުރެއްވުމަށްރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޖުޑިޝަރީގެ ބަޖެޓުގައި ހިމެނުއްވުމަށް ނިންމެވި ނިންމެވުމަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

ސްޕްރީމް ކޯޓުން ބުނީ މި ނިންމެވުން ހިމެނިގެންދާނީ މި ދާއިރާގެ ކުރިއެރުމާއި މުސްތަގިއްލުކަން ދެމެހެއްޓުމަށް ނިންމި ތާރީޚީ މުހިންމު ނިންމުމަކަށްކަމަށާއި އަދި މި ނިންމެވުމުގެ ސަބަބުން މާލީ ގޮތުން ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކަށް ޙައްލު ހޯދުމަށް ފަސޭހަވެ ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް އަންނާނެކަމަށެވެ.

މި މަޤްޞަދު ޙާޞިލުކުރެއްވުމަށްޓަކައި، ޖުޑިޝަރީއަށް މާލީ އަދި އިދާރީ މިނިވަންކަން ހޯދައިދިނުމަށް، އަންނަ އަހަރުން ފެށިގެން ފާހަގަކުރެވޭ ބަދަލުތަކެއް ގެންނެވުމަށް ކެބިނެޓުގައި މަޝްވަރާކުރައްވައި، މިގޮތަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ނިންމަވާފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ޖުޑިޝަރީއަށް ފުރިހަމަ މާލީ މިނިވަންކަން ދިނުމަށްޓަކައި އެކުލަވާލެވޭ ނިޒާމެއްކަމަށާ، މި ނިޒާމުގެ ދަށުން، ޖުޑިޝަރީއަށް ލިބޭ ފައިސާ ޚަރަދުކުރުމުގެ ފުރިހަމަ އިޚްތިޔާރު، ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އަދި ބަޖެޓުން ކަނޑައެޅޭ މި އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު ޢަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައެޅުމަށްޓަކާ ޤާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި، ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ކޮމެންޓް