ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދެމުންދާ ބައެއް އިނާޔަތްތައް ކުޑަކުރަން ސަރުކާރުން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށާއި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މަޖިލިސް މި ވަގުތު ޗުއްޓީގައި އޮތް އިރު، އެ އިސްލާހުތައް ހުށަހަޅުއްވާނެ ސީދާ ތާރީހެއް ރައީސް ވިދާޅެއްނުވެ އެވެ.
ނަމަވެސް، ކުރީގެ މެންބަރުންނަށާއި ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތްތައް ކުޑަކުރަން، ރައީސް މުއިއްޒު މި ހަފްތާގައި ވަނީ ވެރިކަންކުރާ، އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާއަށް އެ ވިސްނުން ހުށަހަޅުއްވައިފަ އެވެ.
އެ މަނިކުފާނު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ބޭފުޅުންނަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ ކަން ރައީސް މިއަދު ހާމަކުރެއްވި އެވެ.
ކުރީގެ ރައީސުންނާއި މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެމްބަރުންނަށް ދައުލަތުން ކުރާ ހަރަދު ބޮޑުވެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދާދިފަހުން ކަންބޮޑުވުން ފާޅުކުރަން ފެށީ ކުރީގެ މެމްބަރުންނަށާއި މިހާރުގެ މެންބަރުންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފާސް ހިސާބުތައް އާއްމުކުރުމާ ގުޅިގެންނެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހަކު ހޯދައި، ސޯޝަލް މީޑިއާގައި އާއްމުކުރި ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި ކުރީގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް އެކަނި ވެސް މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި 18 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި އެވެ.
އަދި މިހާރުގެ މަޖިލީހުގެ މެމްބަރުން ވީއައިޕީ ލައުންޖް ބޭނުން ކުރުމުގެ ހަރަދުތަކަށް މިދިޔަ އެއް އަހަރު ތެރޭގައި 1.5 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާކަން ވެސް އެ ހިސާބުތަކުން ވަނީ ހާމަވެފަ އެވެ.
މަޖިލީހުގެ ކުރީގެ މެމްބަރުން އުމުރުން 55 އަހަރުވުމަށްފަހު ކޮންމެ މަހަކު ދައުލަތުން އިނާޔަތެއް ދޭއިރު، ކުރީގެ ރައީސުންނަށް ވެސް ދައުލަތުން ކޮންމެ މަހަކު މާލީ އިނާޔަތްތައް ދެ އެވެ.
ކުރީގެ ރައީސުންނާއި ކުރީގެ މަޖިލިސް މެމްބަރުންގެ އިނާޔަތްތައް ކުޑަކުރަން ރައީސް ނިންމައިފި

ގުޅޭ ލިޔުންތައް
ކޮމެންޓް