ސަރުކާރުން ފޯރުކޮށްދެއްވާ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި އައިޖީއެމްއެޗްގައި ގާއިމުކުރެވުނު އައިނު ފިހާރައިން މިހާތަނަށް 2994 މީހުން ޚިދުމަތް ހޯދާފައިވާކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ދަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާއި ހިދުމަތްދެމުންނެވެ.
މެންދުރަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ އައިނު ފިހާރަ ހުޅުވިފަހުން މިހާތަނަށް 2994 މީހުންނަށް ހިދުމަތްދީފައިވާކަމަށެވެ.
އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދެއްވައި، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މޭ މަހުގެ 31 ގައެވެ.
ދެ މަސްދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ޤާއިމުކުރި، އައިޖީއެމްއެޗް އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް އިން، ލޮލުގެ ނަންބަރު ނެގުމާއި، ލޮލުގެ ބައެއް ބަލިތައް ދެނެގަތުމާއި، އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާނެއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވަނީރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައިވެސް، އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވައިދެއްވާނޭކަން އިޢުލާންކުރައްވާފައެވެ.
އެމަސައްކަތުގެ ދަށުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތް ދޭނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ. އަދި އެމްސީޖީއެޗް އޮޕްޓިކަލްސްއިން ދޭ ޚިދުމަތަކާ ގުޅޭ މަޢުލޫމާތު، 3335150 އަށް ގުޅައިގެން ހޯދޭނެއެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް