އިޒްރޭލުން ގަތަރަށް ހަަމަލާ ދިނުމަކީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއް ކަމަށާއި މިފަދަ ކަމެއް ގަތަރުގެ ބިމުގައި ދެން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގަތަރުގެ ވެރިނަށް ދެއްވައިފި ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް މިއީ ސުލްހަޔަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވި އެވެ.
ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ގަތަރުގެ ވެރިރަށް ދޯހާގެ އިމާރާތްތަކަކަށް އިޒްރޭލުން ވައިގެ މަގުން ދިން ހަމަލާތަކާ ގުޅޭ ގޮތުން ސުވާލުކުރުން ލީވިޓް ވިދާޅުވީ "ހަމާސް ނައްތާލުމަކީ މުހިންމު ކަމަކަށް ވިޔަސް" ގަތަރުގެ ވެރިރަށް ދޯހާގައި ހަމަލާދީގެން އެމެރިކާ އަދި އިޒްރޭލުގެ މަސްލަހަތު ވެސް ކުރި ނާރާނެ ކަމަށެވެ.
"ރައީސް ދެކެވަޑައިގަންނަވަނީ ގަތަރަކީ އެމެރިކާގެ ވަރުގަދަ ބައިވެރިއެއް އަދި އެކުވެރިއެއް ކަމަށް. އަދި ހަމަލާ ދިން ސަރަހައްދުގެ ގޮތުން ރައީސްގެ ކަންބޮޑުވުން އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ގަތަރަކީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާގައި ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލާއި ހަމާސްއާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގައުމެކެވެ.
"އިޒްރޭލުން ހަމާސްއަށް ހަމަލާދޭން އުޅޭކަން އެމެރިކާގެ އަސްކަރިއްޔާއިން ޓްރަމްޕްގެ ސަރުކާރަށް އެންގި،" އެ މައުލޫމާތު އަސްކަރިއްޔާއަށް ލިބުނީ ކިހިނެއްތޯ ސާފު ކުރަން އެތައް ފަހަރަކު ސުވާލުކުރުމުން ވެސް އިތުރު ތަފްސީލެއް ނުދެއްވައި ލީވިޓް ވިދާޅުވި އެވެ.
އެކަމަކު އޭގެ ކުރިން ވައިޓް ހައުސްގެ އޮފިޝަލަކު ވަނީ ހަމަލާ ދޭން އުޅޭކަން އިޒްރޭލުން އެންގި ކަމަށް ބައެއް މީޑިއާތަކަށް ވިދާޅުވެފަ އެވެ.
ލީވިޓް ވިދާޅުވި ގޮތުގައި ގަތަރުގެ ދޯހާއަށް ހަމަލާދިންކަން ޓްރަމްޕަށް އެނގިވަޑައިގަތުމާ އެކު މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިކްޓޯފްއަށް ގުޅުއްވައި، ދެން އަތުވެދާނެ ހަމަލާތަކުގެ މައުލޫތު ގަތަރާ ހިއްސާކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަވަހަށް ސުލްހަ ގާއިމުކުރަން ބޭނުން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފަ އެވެ.

ގުޅޭ ލިޔުންތައް
ކޮމެންޓް