ހަބަރު

ސިޔާސީ މަގްސަދު ހާސިލްކުރުމަށް ގައުމީ ތަރައްގީއަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: މުހުތާޒް

އަމިއްލަ ސިޔާސީ މަގްސަދު ހާސިލް ކުރުމަށްޓަކައި ގައުމީ ތަރައްގީއަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ޕްރޮސިކިއުޓާރ ޖެނެރަލް އަލްއުސްތާޛް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

މުހުތާޒު މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް 20 އަހަރަށް ހަދާ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުމަށް ކުރާ މަސައްކަތުގައި ބައިވެރިނުވާން، އިދިކޮޅު އެމްޑީޕީން ނިންމުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މުހުތާޒް ވިދާޅުވީ ވެރިކަމުގެ ދުވަސްވަރު ގައުމީ ތަރައްގީގެ ޕްލޭނެއް އޮތުމުގެ މުހިންމުކަން ނުވިސްނުނު ބަޔަކަށް، މިއަދު އެކަމުގެ މުހިންމުކަން ވިސްނޭނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.

"އަމިއްލަ ސިޔާސީ މަގްސަދު ހާސިލުކުރުމަށްޓަކައި ގައުމީ ތަރައްގީއަށް ހުރަސްއެޅުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން!" މުހުތާޒް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ގޮތުން ރައްޔިތުން މިހާރު ވަނީ މިއަށްވުރެ މާ ކުރިއަރާފައި ކަމަށާއި، ގައުމުގެ ތަރައްގީއަށް އެއްބާރުލުން ދިނުމަކީ ކޮންމެ ދިވެއްސެއްގެވެސް ޒިންމާއެއް ކަމަށެވެ.


ކޮމެންޓް